ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ހުޅުމާލެއަށް ދިޔަކަން ނުވަތަ އޭނާ ފެރީ އަށް އެރިކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ރިޟުވާން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އަބުދުﷲ ޝަތީހު ވިދާޅުވީ އޭނާ ފެރީ އަށް އެރިތަން ދުށް ކަމަށް މައުލޫމާތު ދިން އެކަކު ބުނެފައިވާ ކަމަށެވެ. ނަމަވެސް ހުޅުމާލެއަ ހިސާބަށް ދިޔަކަމެއް ކަމެއް އަދި ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... އަޅުގަނޑުމެންނަށް މި ފުޓޭޖުން ކަށަވަރު ކުރެވޭ ކަމަކީ މާލޭގައި ހުރި ހުޅުމާލެ ފެރީ ޓާމިނަލަށް ވަންނަތަން ފެންނަ މަންޒަރު. ދެން ހުޅުމާލެ އަށް ފޭބި ކަމެއް، ނުވަތަ ހުޅުމާލެއާ ހިސާބަށް ދިޔަ ކަމެއް އެއީ ކަށަަވަރު މައުލޫމާތެއް ނޫން،" ޝަތީހު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރިޟުވާނުގެ ފޯނުގެ ސިގްނަލް އެންމެ ފަހުން ލިބިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ، 2:30 އެހާކަން ހާއިރު ކަމަށެވެ.

"... އެނގިފައިވާ ގޮތުގައި އޭނާގެ ފޯނުގެ ސިގްނަލް 2014 އޮގަސްޓް އަށް ވަނަ ދުވަހުގެ ރޭ 2.30 އެހާކަންހާއިރު ލިބިފައިވާކަން ފާހަގަ ކުރެވޭ،" ޝަތީހު ވިދާޅުވި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަތީހު ވިދާޅުވީ ސިގްނަލް ލިބިފައި ވަނީ މާލޭގެ ސަރަހައްދަކުން ކަމަށެވެ. ނަމަވެސް އެގޮތަށް ސިގްނަލް ލިބޭ ތަނެއްގެ ގޮތުގައި ފާހަގަ ވަނީ އެންމެ ބޮޑަށް ރޭންޖް ލިބޭ އެންޓަނާއަކަށް ބިނާކޮށް ކަމަށް ވާތީ ރިޟުވާންގެ ފޯނު އެވަގުތު އޮތީ މާލޭގައި ކަން ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"... ވަކި ރޭންޖެއް ކަވަ ކުރާ އެއްޗެއް މި ލޮކޭޝަން އަކީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ސިގްނަލް ރަނގަޅު ޓަވަރަކަށް ފުރަތަމަ ހިޓް ކުރަނީ. ދެން ޖެހިގެން ހުންނަ ޓަވަރަކަށް، އެހެންވީމާ މާލޭގެ ޓަވަރަކަށް ހިޓްކޮށްފައި ހުރީމާ އެއީ ރިޟުވާނު ހުރީ ނުވަތަ ރިޟުވާނުގެ ފޯނު އޮތީ މާލޭގައޭ، ނޫނީ ހުޅުމާލޭގައޭ އެހެން ދަންނަވާކަށް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ރިޟުވާން، މާލޭގައި ހުންނަ މާލެ-ހުޅުމާލެ ފެރީ ޓާމިނަލަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯ ފޫޓޭޖް އާއްމުވެފައި ވާތީ އޭނާ އެތަނުން ނުކުތްކަން އެނގިފައިވޭތޯ ސުވާލު ދެންނެވުމުން ޝަތީހު ވިދާޅުވީ ފޫޓޭޖްތައް ބަލަމުން އަންނާތީ އެކަމާ ގުޅޭ ގޮތުން މިވަގުތު އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

"...އަޅުގަނޑުމެން އަދި ވެސް މިދަނީ އެ ފުޓޭޖް އިތުރަށް ދިރާސާ ކުރަމުން. ފޫޓޭޖް ނެގުމުގައި ވެސް އަޅުގަނޑުމެންގެ ގިނަ ވަގުތުތަކެއްގެ ފޫޓޭޖް ނަގައި އެތަކެތި ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން. އެހެންވީމާ ތިއާ ގުޅޭ ގޮތުން އަދި މިވަގުތު އެއްޗެއް ދަންނަވާކަށް ނެތިން،" ޝަތީހު ވިދާޅުވި އެވެ.