17 Aug 2014, 20:54
މިދިޔަ އަހަރު އަމަލު ކުރަން ފެށި އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހު ކުރުމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ފޯރަމް އޭޝިއާ އިން މިއަދު ގޮވާލައިފި އެވެ.
އެ ދެ ޖަމިއްޔާއިން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި ބައިނަލް އަގުވާމީ މުއާހަދާތަކުން ރާއްޖެއަށް ލާޒިމު ކުރާ ހައްގުތައް ލިބި ދިނުމަށް ޓަކައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހު ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރާ ކަމަށެވެ.

އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހު ކުރުމަށް ގޮވާލައި ޑިމޮކްރަސީ ނެޓްވޯކާއި ފޯރަމް އޭޝިއާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އަދި ބުނެފައި ވަނީ މިހާރު އޮތް ގާނޫނުން ރާއްޖޭގައި އެއްވެ އުޅުމުގެ ޖާގަ ބަންދުކޮށްފައި ވާތީ އެދެ ޖަމާއަތުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެއްވެ އުޅުމާ ގުޅުން ހުރި ކޮންމެ ގާނޫނެއްގެ ވެސް އަމާޒަކަށް ވާން ޖެހޭނީ ބައިނަލް އަގުވާމީ މިންގަނޑަށް ފެތޭ މަދު ގަވައިދުތަކެއް ގެންގުޅުމަށް ކަމަށެވެ.
އަދި ބުނެފައި ވަނީ ރާއްޖޭގައި އެއްވެ އުޅުމަށް ހުރި ހުރަސްތަކާ މެދު ކަންބޮޑުވާ ކަންބޮޑުވުން އެދެ ޖަމާއަތުން ރާއްޖޭގެ ސިވިލް ސޮސައިޓީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށެވެ.
އެއްވެ އުޅުމުގެ ގާނޫނު ބުނާ ގޮތުން އެއްވެ އުޅުން މަނާ ތަންތަނުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މައި މަޒުކަޒުތަކާއި ސިފައިންނާ ފުލުހުންގެ މަޒުކަޒުތައް ހިމެނޭ ސަރަހައްދުތައް ހިމެނެ އެވެ. އެގޮތުން އެމްއެންޑީއެފްގެ މައި މަރުކަޒު ނުވަތަ ބަންޑާރަ ކޮށި އުތުރުފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 300 ފޫޓް ހިމެނޭ ސަރަހައްދު ނުވަތަ ޖުމްހޫރީ މައިދާނާއި ހުޅަނގުފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި އަދި އިރުމަތީފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި މައި މަރުކަޒުގެ ދެކުނު ފަރާތު އިންފާރުން ފެށިގެން 150 ފޫޓް ހިމެނޭ ބިމުގެ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ. އަދި އެމްއެންޑީއެފްގެ އެހެން މަރުކަޒެއްގެ ކޮންމެ އިންފާރަކުން ފެށިގެން 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއްނުވެވޭނެ ކަމަށް އެ ގާނޫނުގައި ބުނެ އެވެ. އަދި ދިވެހި ފުލުހުންގެ މައި މަރުކަޒުގެ އުތުރުފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 50 ފޫޓް ހިމެނޭ ސަރަހައްދާއި އަދި ހުޅަނގުފަރާތު އިންފާރުން ފެށިގެން 500 ފޫޓް ހިމެނޭ ޖުމްހޫރީ މައިދާން ސަރަހައްދާއި އަދި އިރުމަތީ ފަރާތު އިންފާރުން ފެށިގެން 100 ފޫޓް ހިމެނޭ ސަރަހައްދާއި އަދި ދެކުނު ފަރާތު އިންފާރުން ފެށިގެން 50 ފޫޓް އޮތް ސަރަހައްދަކީ އެއްވެއުޅުން މަނާ ސަރަހައްދެވެ.
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅުގެ ހަތަރު ބިތުން ފެށިގެން ކޮންމެ ކޮޅަކަށް 250 ފޫޓް ސަރަހައްދަށް އެއްވުމަކީ ވެސް މަނާ ކަމެކެވެ. އަދި ނައިބު ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ސަރަހައްދަށް އެއްނުވެވޭނެ އެވެ. އެމްއެމްއޭގެ މައި އިމާރާތުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ.
ޝަރުއީ ކޯޓްތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދަށް އެއްވުމަކީ ވެސް މަނާކަމެކެވެ.