ތަމްރީން ލިބިފައިވާ ޓީޗަރުން އުފެއްދުމަށް ސްކޮލޮޝިޕްގެ އާ ފުރުސަތުތަކެއް މިމަހުގެ ފަހުކޮޅު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި އިއުލާންކުރި ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމަށް ހޮވުނު ދަރިވަރުންނަށް ލޯން ލިބުނު ކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާއަކީ ގިނަ އަދަދެއްގެ ފަންނީ މުއައްޒަފުން ބޭނުންވާ ދާއިރާއެއް ކަމަށާއި ހާއްސަކޮށް ތަމްރީން ލިބިފައިތިބި ޓީޗަރުންނަކީ މި ދާއިރާގެ ކުރިއެރުމާ ގުޅިފައިވާ ބައެއް ކަމަށެވެ.

"ތަމްރީނު ލިބިފައިވާ ޓީޗަރުންގެ ދަތިކަން ފޫބެއްދުމުގެ ގޮތުން މި މަހުގެ ފަހުކޮޅު ޓީޗަރުންނަށް ހާއްސަކޮށްގެން ސްކޮލާޝިޕްގެ އާ ފުރުސަތުތަކެއް ހުޅުވާލާނެ. އަދި މަތީ ތައުލީމުގެ އިތުރު ފުރުސަތުތަކަށް މިއަހަރުގެ ސެޕްޓެމްބަރު މަހު އަލުން ހުޅުވާލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ތައުލީމީ އެންމެ މުހިއްމު ވައުދަކީ އެންމެ ކުއްޖަކު ވެސް ބާކީނުކޮށް، ކޮންމެ ކުއްޖަކީ ވެސް ހުނަރުވެރި ކުއްޖަކަށް ހަދާ މަތީ ތައުލީމު ޔަގީން ކޮށްދިނުން ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ޝިހާމް ވިދާޅުވީ، ތައުލީމަށް އިންވެސްޓް ކުރުމަށް މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލް މަދަރުސާތަކުގައި ދަރިވަރުންނަށް ހުރި ފުރުސަތުތައް ފުޅާކުރުމަށް ރަސްމީ ތައުލީމުގެ އިތުރުން މަސައްކަތުގެ ހުނަރުވެރިކަން ސްކޫލްތަކުގައި ތައާރަފްކުރަމުން ގެންދަވާ ކަމަށެވެ. އަދި އަދި މަތީ ތައުލީމަށް ހުރި ފުރުސަތުތައް އިތުރުކޮށް ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތުތައް ތަނަވަސްވާނެ އުސޫލުތަކެއް ގާއިމު ކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ.

"އެ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ދަރިވަރަކަށް ވެސް އެ ދަރިވަރެއްގެ ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށްދިއުމުގެ މަގު ފަހިވެގެންދާނެ. އެ ދަރިވަރެއްގެ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް ފުރުސަތު ލިބިގެންދާނެ. މި ސަރުކާރުގެ އެންމެ މުހިއްމު ބަޔަކީ މިއަދުގެ ކިޔަވާ ކުދިން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވީ ގައުމުގެ މުސްތަގްބަލު ބިނާ ކުރުމަށް ހުނަރުވެރި އަދި މަސައްކަތްތެރި ޒުވާނުން އުފައްދަންޖެހޭ ކަމަށާއި މިއަދު މަތީ ތައުލީމުގެ ފުރުސަތު ލިބުނު ދަރިވަރުންނަކީ ގައުމަށް ވަރަށް މުހިއްމު ބައެއް ކަމަށެވެ.

އެގޮތުން، މަތީ ތައުލީމަށް ލިބުނު އެ ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްފަހު، ގައުމަށް ހިދުމަތް ކުރުމަށް އިލްތިމާސް ކުރައްވާ ރާއްޖޭން ބޭރުން މަތީ ތައުލީމަށް ދިއުމުގެ ފުރުސަތު ލިބުނު ދަރިވަރުން ވެސް ދިވެހިންގެ ރީތި ސިފަތަކާއި އުސޫލުތައް ހިފެހެއްޓުމަށް މިނިސްޓަރު ވަނީ ލޯން ލިބުނު ދަރިވަރުންނަށް ނަސޭހަތްތެރިވެފަ އެވެ.

މާލީ ދަތިކަމާ ހެދި މަތީ ތައުލީމް ހާސިލު ކުރަން ނުދެވިފައި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ދޫކުރާ ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނަށް މިފަހަރު ހޮވިފައި ވަނީ 258 ދަރިވަރުންނެވެ.

އެއީ ރާއްޖޭގަައި ކިޔެވުމުގެ ފުރުސަތު ލިބުނު 186 ދަރިވަރުންނާއި ރާއްޖޭން ބޭރުގައި ކިޔެވުމުގެ ފުރުސަތު ލިބުނު 72 ދަރިވަރެކެވެ.