17 Aug 2014, 20:35
މާލީ ދަތިކަމާ ހެދި މަތީ ތައުލީމް ހާސިލު ކުރަން ނުދެވިފައި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ދޫކުރާ ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނަށް ހޮވުނު 258 ދަރިވަރުންނަށް ލޯން ލިބުުނު ކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި އިއުލާންކުރި 1000 ފުރުސަތުގެ ދަށުން މިފަހަރު ހުޅުވާލީ 750 ލޯން ފުރުސަތެވެ. އެ ފުރުސަތުތަކަށް ޖުމްލަ 313 ދަރިވަރަކު ފޯމް ހުށަހެޅިއިރު، އޭގެ ތެރެއިން ހޮވިފައިވަނީ 258 ދަރިވަރުންނެވެ.
އެއީ ރާއްޖޭގަައި ކިޔެވުމުގެ ފުރުސަތު ލިބުނު 186 ދަރިވަރުންނާއި ރާއްޖޭން ބޭރުގައި ކިޔެވުމުގެ ފުރުސަތު ލިބުނު 72 ދަރިވަރެކެވެ.
ކުއްލިއްޔާ ހޯލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ލޯން ސުކީމްގެ ދަށުން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރިހާ ހަރަދެއް ހިމެނޭގޮތަށް ދޭ "ފުލް ފަންޑިން" ލޯން ސްކީމަށް މިފަހަރު ހުޅުވާލާފައި ވަނީ 380 ފުރުސަތެވެ. އެއީ ރާއްޖޭގައި ކިޔެވުމަށް 300 ފުރުސަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 80 ފުރުސަތެވެ.
އެގޮތުން ރާއްޖެއަށް ހާއްސަކޮށްފައިވާ 300 ފުރުސަތަށް އެދި 154 ދަރިވަރަކު ފޯމް ހުށަހެޅިއިރު، އޭގެ ތެރެއިން ލޯނަށް ހޮވުނީ 142 މީހެކެވެ. އެއީ ޑިޕްލޮމާ އަށް ކިޔެވުމަށް ފުރުސަތަށް ލިބުނު 26 ދަރިވަރަކާއި ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބުނު 88 ދަރިވަރެއްގެ އިތުރުން، މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބުނު 28 ދަރިވަރެކެވެ.
ފުލް ފަންޑިން ލޯން ސްކީމުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔެވުމަށް ހާއްސަކޮށްގެން ހުޅުވާލީ 80 ލޯން ފުރުސަތަށް އެދި 56 މީހަކު ފޯމް ހުށަހެޅިއިރު، އޭގެ ތެރެއިން ލޯނަށް ހޮވިފައިވަނީ 40 މީހެކެވެ.
ސިއްހީ ދާއިރާގެ ތެރެއިން އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން އުފެއްދުމަށް ޕޯސްޓްގްރެޖުއޭޓް މެޑިސިން އަށް ފުރުސަތު ލިބުނީ ތިން ދަރިވަރަކަށެވެ.
ޑީއެޗްއީ އިން ބުނީ، ރާއްޖޭގެ ކޯސްތައް އެކަނި ހުޅުވާލި 150 ޓިއުޝަން ފީގެ ލޯނަށް ފޯމް ހުށަހަޅާފައިވަނީ ފަސް ދަރިވަރެއް ކަމަށެވެ. އަދި އެ ފަސް ދަރިވަރުންނަށް ވެސް ޓިއުޝަން ފީ ގެ ލޯން އެހީ ހަވާލުކޮށްފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ރާއްޖޭގައި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް މި އަހަރުގެ ލޯން ސުކީމްގެ ދަށުން ހުޅުވާލާފައި ވަނީ 50 ފުރުސަތެވެ. އެ 50 ފުރުސަތަށް އެދި ޖުމްލަ 66 ދަރިވަރަކު ފޯމް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ލޯނަށް ހޮވިފައިވަނީ 39 ދަރިވަރެކެވެ. އަދި ރާއްޖޭން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލި 170 ފުރުސަތަށް އެދި ހުށަހެޅި 32 ފަރާތަށްވެސް ލޯން ދިނުމަށްވަނީ ހޮވިފަ އެވެ.