16 Jan 2011, 12:53
މަސްތުވާތަކެތީގެ މައްސަލަ އެއްގައި ތ. ވޭމަންޑޫން ފުލުހުން ހައްޔަރުކޮށްފައި ހުއްޓައި މަރުވި ސ. ހިތަދޫ ރަތްވިލާ ދޯދި، އަބްދުލް ބާސިތު އަބްދުﷲ ޒުބެއިރުގެ ހަށިގަނޑު ވަޅުލުމަށް ހިތަދުއަށް ގެންދިޔަ ވަގުތު، ހަމަނުޖެހުން ހިންގި ކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބާސިތުގެ ހަށިގަނޑު ވަޅު ލުމަށް ހުކުރު ދުވަހުގެ ރޭ 10 ޖަހާއެހާކަންހާއިރު ހިތަދު އަށް ގެންދިޔަ ވަގުތު ބައެއް މީހުން ހަމަނުޖެހުން ހިންގައި، އޭނާގެ ހަށިގަނޑާ ހަވާލުވެ ތިބި ފުލުހުންގެ ބައެއް ވެހިކަލްތަކަށް ގަލާއި ވެލި އުކައި އެކިވަރުގެ ހަމަލާތައް ދީފައިވާ ކަމަށެވެ. އަދި ފުލުހެއްގެ ގޭގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް ފުލުހަކަށް އަނިޔާވެފައެއް ނުވެ އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން ހަ މީހަކު ހައްޔަރު ކުރި ކަމަށާއި އެ މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އަދި ހަތަރު މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހަތަރު މީހުން ދޫކޮށްލީ އެ މީހުން ބަންދުގައި ބެހެއްޓޭވަރުގެ ހެކި ނެތުމުން ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު ހެކިތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި އަދި ހެކި ލިބުނު ހާ އަވަހަށް ދޫކޮށްލި މީހުން ހައްޔަރު ކުރާނެ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ ހައްޔަރު ކުރި ހަ މީހުންނަކީ ވެސް މާރާމާރީއި އާ މަސްތުވާތަކެތިގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ.
ބާސިތުގެ މަރުގެ މައްސަލަ މިހާރު އަންނަނީ ޕޮލިސް އިންތެގްރިޓީން ބަލަމުން ނެވެ.
ބާސިތު މަރުވެފައި ވާކަން ވޭމަންޑޫ ހޮސްޕިޓަލުން ކަށަވަރުކޮށްދިނީ ހުކުރު ދުވަހުގެ ހެނދުނު 8:45 ގައި ކަމަށް ވީ ނަމަވެސް، އޭނާގެ ހަށިގަނޑު ބެއްލެވި ވޭމަންޑޫ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެފައި ވަނީ ހޮސްޕިޓަލަށް ގެނައުމުގެ ތިން ގަޑިއިރެއްހާއިރު ކުރިން އޭނާ މަރުވެފައިވާ ކަމަށެވެ.
ބާސިތުގެ ހަށިގަނޑުން އަނިޔާގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ބާސިތު ހައްޔަރު ކުރީ ވޭމަންޑޫ ހޮސްޕިޓަލު ތެރޭގައި މަސްތުވާތަކެތީ ބޭނުންކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި ބާސިތާ އެކު އެރޭ އިތުރު މީހަކު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ އަދިވެސް ހުރީ ފުލުހުންގެ ހައްޔަރު ގައެވެ.