17 Aug 2014, 20:06
ސްޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް)ގައި ވަޒީފާ އަދާ ކުރާ މީހުންގެ 90 ޕަސެންޓަކީ ދިވެހިންނަށް ވާންޖެހޭނެ ކަމަށް އެސްއީޒެޑް ބިލުގައި ލާޒިމްކޮށްފައިވުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ވަޒީފާ ނެތް އެކަކު ވެސް ނުހުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ދިރާސާ ކުރާ އިގްތިސާދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ހެދި ވަޒީފާގެ ފުރުސަތު ލިބިފައިނުވާ އެތައް އަޚުންނާއި އުޚުތުންތަކެއް ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި އިގްތިސާދީ ޒޯންތަކުގެ ޚިދުމަތް ފެށޭތާ މަދު އަހަރު ދުވަހެއްގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި މި ޒޯންތަކަށް އަންނަ ހުރިހާ އިންވެސްޓަރުންނަށް އެބަ މަޖުބޫރު ކުރުވާ 90 ޕަސެންޓުގެ މީހުންނަކީ ދިވެހި ރައްޔިތުން ކަމުގައިވާން. އެހެންވެއްޖެ ކަމުގައިވަނީނަމަ އަޅުގަނޑު ދެކޭ ގޮތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި، މަދު އަހަރު ދުވަހެއްގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހަމަ ވަޒީފާ ނެތް އެކަކު ވެސް ނުހުންނާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" އިގްތިސާދީ ކޮމެޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ވަޒީފާގެ ބާޒާރަށް އަހުލުވެރިވެފައި ނެތް ޒުވާނުންނަށް ތަމްރީނު ދިނުމަށް އެ ބިލްގައި ވަރަށް ބޮޑަށް ބާރުއަޅާފައި އެބަ އޮތް ކަމަށާއި އެ ބިލް ފަރުމާކުރެވިފައި ވަނީ ދިވެހި ރައްޔިތުންނަށް ލާބަޔާ މަންފާ ލިބޭނޭ ގޮތަށް ކަމަށެވެ.
"...އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި އެ ޑިފިކަލްޓީތައް ހައްލުވާނީ ދިވެހިން ޓްރެއިން ކުރެވިގެން. ވަޒީފާގެ ބާޒާރަށް އަހުލުވެރިނުވެ ތިބި ދިވެހި ޒުވާނުންނަށާއި ދިވެހިން ޓްރެއިން ކުރުމަށް ބިލުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވާނެ. އެހެންވީމައި އަޅުގަނޑުމެން މި ފަށަނީ ޗެލެންޖިން ކަމެއް ނަމަވެސް ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުންނާނެ ގޮތެއްގެ މަތިން މި ބިލް ފަރުމާ ކުރެވިފައި މި އޮތީ،" ދ. މީދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ފާސްކުރުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން ބައިވެރިވެފައެއް ނުވެ އެވެ.