ޕްރީ ސީޒަންގައި ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު އެންމެ ފަހު މެޗުން ބަލިވެއްޖެ އެވެ.

ޕޮލެންޑްގެ ވާސޯގެ ސްޓޭޑިއަން ނަރޮޑޯވީގައި ރޭ އިޓަލީގެ ފިއޮރެންޓީނާއާ ވާދަކޮށް ރެއާލް މެޑްރިޑް ބަލިވީ 2-1 އިންނެވެ.

ސްޕެނިޝް ސުޕާ ކްޕުގައި ވާދަވެރި އެތިލެޓްކޯ މެޑްރިޑާ ވާދަކުރުމުގެ ކުރިން ކުޅުނު އެންމެ ފަހު މެޗަށް ކޯޗު ކާލޯ އެންޗެލޮޓީ ވަނީ ރޭ ކުޅުނު މެޗުގައި މެޑްރިޑްގެ ފުރަތަމަ 11އަށް ވަރުގަދަ ކުޅުންތެރިންތަކެއް ނެރެފަ އެވެ. އެގޮތުން އެ ޓީމަށް އަލަށް ގުޅުނު ހަމޭސް ރޮޑްރިގޭޒް އާއި ޒަބީ އޮލެންސޯ އާއި ސާމީ ކެދީރާ އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ފުރަތަމަ 11ގައި ހިމަނައިފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑް ނެގީ މެޑްރިޑުންނެވެ. ސީޒަން ފެށުމުގެ ކުރިން ދޫކޮށްލާނެ ކަަަމަށް ބެލެވުނު އަންހެލް ޑިމަރީއާ ދިން ބޯޅައަކުން މެޑްރިޑަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. ފިއޮރެންޓީނާއިން އެއްވަރުކުރި ލަނޑު 27 ވަނަ މިނިޓް ކާމިޔާބުކޮށްދިނީ މާރިއޯ ގޯމޭސް އެވެ. އޭނާގެ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ހަމަލާ ދިފާއު ކުރުމަށް މެޗުގައި މެޑްރިޑްގެ ގޯލު ބަލަހައްޓަމުން ދިޔަ ކޭލާ ނަވާސްއަށް ފުރުސަތެއް ލިބިފައެއް ނުވެއެވެ. މިއީ މެޑްރިޑްގެ ޖާޒީގައި ނަވާސް ކުޅުނު ފުރަތަމަ މެޗެވެ.

ފިއޮރެންޓީނާގެ ދެވަނަ ގޯލް ޖަހައި، އެ ޓީމަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ލިބުނީ 69 ވަނަ މިނެޓްގައެވެ. ފިއޮރެންޓީނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގައި އިނގިރޭސިވިލާތުގެ ސަންޑްލޭންޑަށް ކުޅުނު މާކޯސް އޮލެންސޯ އެވެ.

ރެއާލް މެޑްރިޑް ދެން ނުކުންނާނީ ސްޕެނިޝް ސުޕާ ކަޕްގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށެވެ. ސްޕެނިޝް ސުޕާ ކަޕްގައި ދެ ލެގު ކުޅޭއިރު، ރެއާލް މެޑްރިޑް ދަނޑުގައި ކުޅޭ ފުރަތަމަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ދަންވަރު 2:00 ގައެވެ. އަދި އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ދަންވަރު 1:30 ގައެވެ.