17 Aug 2014, 18:43
އާސެނަލްއާ އަލަށް ގުޅުނު ޗިލީ ތަރި އެލެކްސިސް ސަންޗޭޒް އެ ކްލަބުގެ ކުޅުމަށް ހޭނޭނެ ކަމުގެ ޔަގީންކަން އާސެނަލްގެ ކޯޗު އާސެން ވެންގާ ދީފި އެވެ.
ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުވީ ފަހު ވަގުތު އާރޮން ރަމްސީ ކާމިޔާބުކުރި ލަނޑުންނެވެ. ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-1 ލަނޑުންނެވެ.
ރޭގެ މެޗުގައި ކްރިސްޓަލް ޕެލަސްއިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް، އާސެނަލްއަށް ލޯރެންޓް ކޮސިއެލްނީ ނަތީޖާ ހަމަހަމަކޮށްދިނީ މި ސީޒަނަށް ބާސެލޯނާއިން އެ ޓީމަށް 40 މިލިއަން ޔޫރޯގެ އަގަކަށް ގެނައި ސަންޗޭޒް ދިން ބޯޅައަކުންނެވެ.
"އޭނާގެ ފަރާތުން ފެނުނީ 90 މިނެޓް ވަންދެން ބުރަކޮށް މަސައްކަތްކުރި ތަން. ފިޒިކަލީ ގޮތުން އެންމެ ރަނގަޅު ހާލާތުގައި ނެތް ނަމަވެސް އޭނާގެ ފަރާތުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ފެނުނު،" ވެންގާ ބުންޏެވެ. "ޓެކްޓިކަލީ ގޮތުން ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން އޭނާ ރަނގަޅު ކުރަން ޖެހޭ. މެޗު ނިމެންދެން އޭނާގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔަ."
ރޭގެ މެޗުގައި ސަންޗޭޒްގެ އިތުރުން އެ ކްލަބާ އަލަށް ގުޅުނު ޑިފެންޑަރު ކަލުމް ޗެމްބާސް ވެސް ކުޅެފައި ވެއެވެ. ރައިޓް ބެކް މަގާމަށް ގެނައި ކުޅުންތެރިއެއް ކަމުގައި ވިޔަސް، ރޭގެ މެޗުގައި ޗެމްބާސްގެ ފެނުނީ ސެންޓާ ބެކެއްގެ ގޮތުގައެވެ.