17 Aug 2014, 18:39
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަހަރީ ދުވަހާ ގުޅިގެން އެ ކްލަބުގެ ލެޖެންޑުން ބައިވެރިކޮށްގެން ފުޓްބޯޅަ މެޗެއް ކުޅޭ ގޮތަށް ނިއުއިން ނިންމައިފި އެވެ.
ނިއުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން އަންނަ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ކުޅޭ އެ ކްލަބުގެ ލެޖެންޑުންގެ ތެރޭގައި އަލީ އުމަރާއި މޫސާ މަނިކު (ކުޑަ މޫސަ)ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ނިއުއިން މައުލޫމާތު ދެއެވެ.
އެފްއޭއެމް ހައުސްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިއުގެ ޑިރެކްޓާ އޮފް ސްޕޯޓްސް އަންވަރު އަލީ ވިދާޅުވީ، ނިއުގެ އެދުމަކީ މި މެޗު ބެލުމަށްޓަކައި އެ ކްލަބުގެ ވީހާވެސް ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވަނުން ކަމަށާއި މި މެޗުގެ ބޭނުމަކީ ނިއުގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ.
ނިއުގެ ބޯޑު މެމްބަރު އަހްމަދު ޒަރީރު ވިދާޅުވީ، ނިއުއިން އިންތިޒާމުކުރާ މި މެޗުގައި 200 ރުފިޔާގެ ނަސީބު ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ނަސީބުވެރިޔާއަށް އަންނަ އަހަރުގެ އޭއެފްސީ ކަޕަށް އެ ކްލަބު ކޮލިފައިވެއްޖެ ނަމަ، އެ ކްލަބުގެ ހަރަދުގައި ރާއްޖެއިން ބޭރުގައި ނިއު ކުޅޭ މެޗެއް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި މެޗުގައި ނިއުގެ ލެޖެންޑުންގެ އިތުރުން އެ ކްލަބުގެ އެކަޑަމީގައި ތަމްރީނު ހާސިލުކުރާ ބައެއް ކުދިން ވެސް ކުޅޭނެ ކަމަށާއި ނިއުގެ ސީނިއާ ޓީމުގެ އިތުރުން ނިއުގެ އަންހެން ޓީމުގެ ކުޅުންތެރިން ވެސް އެ މެޗު ކުރިއަށްދާއިރު، ދަނޑުގައި ހަރަކާތްތެރިވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އަދި އެންމެ މަޝްހޫރު އެއް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ވުޖޫދަށް އައިސްފައި ވަނީ 19 އޯގަސްޓް 1979 ވަނަ އަހަރު އެވެ. ނިއުއަށް 35 އަހަރު ފުރޭ އިރު، އެ ކްލަބުން ތިން އަހަރު ދިވެހި ލީގު ކާމިޔާބުކުރި އިރު، 11 އަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައި ވެއެވެ. އޭގެ އިތުރުން ނިއު އިން ވަނީ 10 އަހަރު ގައުމީ ތަށި ވެސް ކާމިޔާބުކޮށްފަ އެވެ.