17 Aug 2014, 18:12
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޮޑެތި ޖިނާއީ ޖަރީމާތައް ހިންގާފައިވާ އަރުމޭނިޔާގެ ދެ މީހަކަށް ނިސްބަތްވާ ކުންފުނި، އާތާ ބްރަދާސްއާ ގުޅުން އޮންނަ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ހ. އެވާ ޗާންސް އަހުމަދު ވިޝާލް މަކަރާ ހީލަތުގެ މައްސަލައެއްގައި ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ވިޝާލް ހޯދަމުން ގެންދަނީ ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ. މީގެއިތުރުން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ވިޝާލް ހާޒިރުކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 20 ވަނަ ދުވަހުގެ 10:00 އަށް އެ ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވިޝާލްއަކީ އާތާ ބްރަދާސްގެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ކުރީ ކޮޅު ދެ މަސް ވަންދެން ފިލައިގެން އުޅެނިކޮށް، އެ އަހަރުގެ ޖޫން މަހު ހައްޔަރުކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލާފައިވާ މީހެކެވެ. އެފަހަރު އޭނާ ހައްޔަރުކުރީ މ. ޗަނބޭލީގޭ ހަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުންނެވެ.
ފުލުހުން އޭނާގެ މައްޗަށް ދައުވާ ކުރަނީ 2011 ވަނަ އަހަރު ތެރޭގައި އަލްކޯވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުރެ މީހަކަށް ކެރޭން ޕިކަޕެއް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެމީހާ އަތުން 70،000ރ. އަތުލި މައްސަލައަކާ ގުޅިގެން ނެވެ.
ވިޝާލް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.