އެވަޓަންގެ އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭއަށް ބޮޑު އަނިޔާއެއްވެ، ފަސް މަސް ދުވަހުގެ މުއްދަތަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކްލަބުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ބާކްލޭއަށް އަނިޔާވީ، މިދިޔަ ހުކުރު ދުވަހު އެވަޓަންގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ. ބާކްލޭގެ ފައިގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން ޕްރިމިއާ ލީގުގައި އިއްޔެ ލީޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބައިވެރިވެފައެއް ނުވެ އެވެ.

"އަހަރެމެން ސްކޭނެއް ހެދިން. އޭނާގެ ފައިގެ ލިގަމެންޓަށް ވަނީ އަނިޔާވެފައި،" މާޓިނޭޒް ބުންޏެވެ. "އެ އަނިޔާގެ ސަބަބުން ފަސް މަސް ދުވަހުގެ މުއްދަތަކަށް ބާކްލޭއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ،"

އެވަޓަންގެ ކޯޗު ބުނީ، ބާކްލޭއަށް ލިބުނު އަނިޔާއަކީ ޓީމަށް ލިބުނު ހިތާމައެއް ކަމަށް ވިޔަސް، އެ ޓީމަށް އޭނާ ނެތްތަން ފޫބެއްދޭނެ ކަމަށެވެ.

"ބާކްލޭއަކީ މޮޅު ކުޅުންތެރިއެއް ކަމަށް އަހަރެން ގަބޫލުކުރަން. އޭނާ ނެއްތަން ދައްކިޔަސް، އަހަރެމެން އެތަން ފޫބައްދަން މަސައްކަތް ކުރާނަން،" މާޓިނޭޒް ބުންޏެވެ. "ޕްރީ ސީޒަންގައި ބާކްލޭގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ."

ޕްރިމިއާ ލީގުގައި އެވަޓަން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ލިބުނީ ޕޮއިންޓެކެވެ. ލީޗެސްޓާއާ ދެކޮޅަށް ކުޅުނު އެ މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.