ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އަންހެނުންގެ ބަލިތަކަށް ފަރުވާދެމުން ގެންދިޔަ އިންޑިއާ ޑޮކްޓަރަކު ސިއްހީ ދާއިރާގައި ގާއިމްކުރެވިފައި ހުންނަ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފުވެގެން ފޮނުވާލައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިއަދު 'ސަން'އަށް ވިދާޅުވީ އެ ޑޮކްޓަރު ވަޒީފާއިން ވަކިކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާލީ ބަލިމީހާއަށް ގެއްލުންވާ ފަދަ ގޮތަކަށް އަމަލްތައް ބެހެއްޓުމާއި ސިއްހީ ދާއިރާގައި އަމަލުކުރާ އުސޫލްތަކާ ހިލާފު ވެގެން ކަމަށެވެ.

އެގޮތުން ކުއްލި ހާލަތެއްގައި ސިޒޭރިއަން ހަދަން ޖެހުނު މާބޮޑު އަންހެނަކު އޮޕަރޭޝަން ތިއޭޓަރަށް ވެއްދިފަހުން ވެސް ސިޒޭރިއަން ހަދަން ދެކޮޅު ހަދާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ މެޑިކަލް ނެގްލިޖެންސެއްގެ [ބަލިމީހަކަށް ގެއްލުންވާ ފަދަ އަމަލެއް ކުރުން] ސަބަބުން ފޮނުވާލަން ޖެހުނީ. ރަސްމީ ސިފައެއްގައި އެ ޑޮކްޓަރު އަހުލާގީ މައްސަލައެއް ހުށަހެޅިފައެއް ނެތް. އެހެން ނަމަވެސް އެބަހުރި ވަރަށް ގިނަ މެޑިކަލް ނެގްލިޖެންސް. މީގެ ދެ ދުވަސް ކުރިން ވެސް ޕޭޝަންޓުން ތިއްބާ އޯޕީޑީ ހުއްޓައިލައިފި. ދެން އެ ޕޭޝަންޓުން ދައްކަން ޖެހުނީ އެދުވަހު ޖެނެރަލް ޑޮކްޓަރަކަށް. ސިޒޭރިއަން ހަދަންޖެހޭ މީހެއް ސިޒޭރިއަން ނަހަދާނެކަމަށް ބުނި،" ހަފްސާ ވިދާޅުވި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ނެތުމުގެ ސަބަބުން އަންހެނުންނާއި މާބަނޑު މީހުން މިހާރު ދައްކަމުން މިގެންދަނީ އެ ހޮސްޕިޓަލްގެ ޖެނެރަލް ޑޮކްޓަރަށް ކަމަށާއި އެއަށްފަހު އެރަށުގައި ހުންނަ އަމިއްލަ ފަރާތެއްގެ ހޮސްޕިޓަލެއް ކަމުގައިވާ އައިއެމްޑީސީއަށް ދައްކަން ޖެހޭނަމަ އެތަނަށް އެ ޑޮކްޓަރު ރިފާ ކުރައްވަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިތަދޫ ހޮސްޕިޓަލުގައި މަސައްކަތްކުރައްވަމުން އައި އަންހެނުންގެ ހާއްސަ ބަލީގެ އިންޑިއާ ޑޮކްޓަރު ވަޒީފާއިން ވަކިކުރުމަށްފަހު އެ ހޮސްޕިޓަލުން ފޮނުވާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އޭނާ މިހާރު ވަނީ ރާއްޖެއިން ވެސް ފުރައިގެން ގޮސްފައި ކަމަށް ހަފްސާ ވިދާޅުވި އެވެ.