17 Aug 2014, 16:45
ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ލ. ބަރެސްދޫގެ މުއްދަތު އިތުރުނުކޮށްދޭން ނިންމި އިރު އެ މުއްދަތުގައި އެރަށުގެ ވޯކްޕްލޭންގައިވާ ގޮތަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފަޅުރަށްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ވެލާނާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރިޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހޫރުޝިދު ތައުފީގް ވިދާޅުވީ، އެކިއެކި މަސައްކަތްތައް ކުރުމަށް ސަރުކާރުން ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްރަށުގައި އެ ރަށްރަށުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތްތައް ކުރޭތޯ ބެލުމަށް މިނިސްޓްރީގެ ޓީމަކުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ މޮނިޓަރިން ރިޕޯޓްތައް ދައްކާގޮތުން ބަރެސްދޫ ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގައި އެރަށުގައި ކުރަން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި ވިލާ ކުންފުންޏަށް ބަރެސްދޫގެ މުއްދަތު އިތުރުކޮށްނުދޭން ނިންމީ ގާނޫނާ ގަވާއިދާ ޚިލާފަށް ނޫން ކަމަށެވެ.
"20 އަހަރަށް ދޫކޮށްފައި އޮތް ރަށުގެ މުއްދަތު ހަމަވުމުގެ ކުރިން އިތުރަށް ލީސް އެގްރިމެންޓް އާކުރުމަށްޓަކައި ކަޑައްތުކުރަން ޖެހޭ މަރުހަލާތަކެއް ހުރޭ. މޮނިޓަރިންއަށްދާ ބޭފުޅުން ގެންނަވާ ރިޕޯޓްތަކާ ރަށުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ވޯކްޕްލޭންގައި އޮތްގޮތަށް ކުރޭތޯ ބަލާފައި ވަކި ކޮމިޓީއަކުން ނިންމާނީ އެރަށުގެ މުއްދަތު އިތުރުކޮށްދޭނެތޯ. ހަގީގަތުގައި މޮނިޓަރިން ރިޕޯޓްތައް ދައްކާގޮތުން މިހާތަނަށް 20 އަހަރު ވީއިރު އަދި އަދަށްދާންދެން ވެސް ވޯކްޕްލޭންގައި އޮތް އެއްވެސް ކަމެއް އެ ޕްލޭނުގައި އޮތް ގޮތަށް އެރަށުގައި ހިންގާފައެއް ނެތް،" ހޫރުޝިދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު ނަސީމް ވިދާޅުވީ ފަޅުރަށްރަށުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުމަށް މޮނިޓަރިން ޓީމުން ކުރި ދަތުރުތަކުގައި އެ ރަށުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތް ކޮށްފައިނުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ކުރިން އެރަށުގައި އިންދާފައި ހުރި ރުށްގަސްތައް ފިޔަވައި އެހެން މަސައްކަތްތަކެއް ކޮށްފައިވާތަން ނުފެންނަ ކަމަށެވެ.
"ބަރެސްދޫގައި ކުރަން ކަނޑައަޅާފައި ވަނީ ދަނޑުވެރިކަމާ ހުރިހާ ބާވަތެއްގެ މަސްވެރިކަމާ ސިނާއީ މަސައްކަތްތައް. ނަމަވެސް ކުރިންވެސް އެރަށުގައި ވަރަށް ރަނގަޅަށް ވަރަށް ރީތިކޮށް އިންދާފައި ހުރި ރުށްތައް ފިޔަވައި އެހެން އެއްވެސް މަސައްކަތެއް އެރަށުގައި ކޮށްފައި އޮތް ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަޅުރަށްތަކާ ބެހޭ މުއާމަލާތްތައް ކުރުމަށް ބައެއް ފަރާތްތަކާ އެކު ވަރަށް އުނދަގޫވާ ކަމަށާއި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ތަފްސީލީ ރިޕޯޓްތައް ވެސް އެ ފަރާތްތަކުން މިނިސްޓްރީއަށް ހުށައަޅާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފަޅުރަށްރަށާ ބެހޭ އާ ސާކިއުލާއެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި އެ ސާކިއުލާގެ ދަށުން ފަޅުރަށްރަށް ދޫކޮށް އެއަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށެވެ.