މެޗު ކުޅޭތަން: ވައިޓްހާޓްލޭން، ލަންޑަން
މެޗު ފަށާ ގަޑި: 9:10
ރެފްރީ: މައިކް ޑީން

އިނގިރޭސި ޕްރްމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޓޮޓެންހަމް އެންމެ ފަހުން މޮޅުވީ 2001 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އޭގެ 10 ފަހަރު ފަހުން މިރޭ ޓޮޓެންހަމާ ދެކޮޅަށް މެންޗެސްޓާ ނުކުންނައިރު އެ ހަނދާންތަކަށްވުރެ ބޮޑަށް ގިނަ ބައެއްގެ ކަޅި އަމާޒުވެފައިވަނީ ވޭލްސްގެ މިޑްފީލްޑަރު ރަޔަން ގިގްސް އަށެެވެ. މިރޭގެ މެޗަކީ މެންޗެސްޓާގެ ޖާޒީގައި 37 އަހަރުގެ ކުޅުންތެރިޔާ ކުޅޭނެ 600 ވަނަ ޕްރެމިއާލީގު މެޗެވެ. މިއީ ބޮބީ ޗާލްޓަންގެ ރެކޯޑަށްވުރެ އެންމެ ހަ މެޗު މަދު އަދަދެކެވެ.

ދެ ޓީމުން ހާއްސަވާ ކަންތައްތައް:
އެންމެ ފަހުން މެންޗެސްޓާއާއެކު ލީގުގައި ކުޅުނު 23 މެޗުން ވެސް ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 19 ލީގު މެޗާއި އެފްއޭކަޕުގައި ކުޅުނު ދެ މެޗަކާއި ލީގު ކަޕުގައި ކުޅުނު ދެ މެޗެކެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު 37 މެޗުގެ ތެރެއިން ޓޮޓެންހަމް މޮޅުވީ އެންމެ ތިން މެޗުންނެވެ.
ގިގްސްގެ ނަން މިރޭ ފާހަގަ ވެގެންދާއިރު ކެމެރާތަކުގެ ލެންސް ޑޭވިޑް ބެކަމް އަށް މިރޭ ވަރަށް ބޮޑަށް އަމާޒުވެގެންދާނެ އެވެ. މިރޭގެ މެޗަކީ މެންޗެސްޓާއާ ދެކޮޅަށް ކުޅޭ އިނގިރޭސި ޓީމެއްގެ މެމްބަރެއްގެ ގޮތުގައި ބެކަމް ހޭދަ ކުރާނެ ފުރަތަމަ މެޗެވެ. އޭނާ އަކީ މެންޗެސްޓާ އަށް 394 މެޗު ކުޅެދީ 85 ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ.

ޓޮޓެންހަމް: ބޮޑެތި ޓީމުތަކާއެކު އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައި ނެތުމަކީ މިރޭގެ މެޗަށް ނުކުންނައިރު ޓޮޓެންހަމަށް އޮތް ހިތްހަމަ ޖެހުމެކެވެ. ނަމަވެސް ޗެލްސީ އާއި އާސެނަލް އަދި ލިވަޕޫލާއި މެންޗެސްޓާއާއެކު ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު މެންޗެސްޓާ އަތުން 3-0 އިންނެވެ.

މެންޗެސްޓާ: މިރޭގެ މެޗަކީ ބަލިނުވެ މެންޗެސްޓާ ލީގުގައި ކުޅޭ 25 ވަނަ ލީގު މެޗެވެ. އެ ޓީމުން ވަނީ 1999 ވަނަ އަހަރު ބަލިނުވެ 29 މެޗު ހަމަކޮށް ލީގުގެ ރެކޯޑެއް ހަދައިފަ އެވެ. އަދި މިއީ މި ސީޒަނުގައި ލީގުގައި އެ ޓީމު ބަލިނުވެ ކުޅޭ 20 ވަނަ މެޗެވެ. މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅުނު 32 މެޗުގެ ތެރެއިން މެންޗެސްޓާ ބަލިވީ އެންމެ މެޗަކުންނެވެ. އަނެއްކޮޅުން މެންޗެސްޓާ އަށް ކުޅެމުން އަންނަ ޓޮޓެންހަމްގެ ކުރީގެ ފޯވްޑް ޑިމިޓާ ބާބަޓޯވް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އަށް ގޯލު ޖަހައިދީފަ އެވެ.