ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ދިރާސާކޮށް އިގްތިސޯދީ ކޮމެޓީން ފާސްކޮށްފި އެވެ.

އެ ބިލް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. އެ ފަސް މެމްބަރުންގެ ތެރޭގއި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމް އާއި އެމްޑީއޭގެ މެމްބަރުންނެވެ.

ހާއްސަ އިގްތިސާދީ ސަރަހައްދުތަކުގެ ބިލް އިގްތިސާދީން ކޮމެޓީން މިއަދު ފާސްކޮށްފައިވަނީ އެ ބިލްގެ ބަހުސް މަރުހަލާގައި މެންބަރުން ހުށަހެޅުއްވި ހިޔާލުތަކާއި ކޮމެޓީ މަރުހަލާގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ފޮނުއްވާފައިވާ ހުށަހެޅުންތައް ހިމަނާއިގެންނެވެ.

އިގްތިސާދީ ކޮމެޓީން އެސްއީޒެޑްގެ ބިލު މިއަދު ފާސްކުރިއިރު ކޮމެޓީ މަރުހަލާގައި ބިލަށް ގެނެވިފައިވާ އިސްލާޙްތަކަށް ބަލާއިރު އެ ބިލްގެ ދަށުން އެކުލަވާލާ ބޯޑަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެ ބޯޑުގައި 17 މެންބަރުން ތިބޭއިރު ބޯޑުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރުކު ހިމެނެ އެވެ. ނަމަވެސް އެ ބިލް މަޖިލީހަށް ހުށަހެޅިގެންދިޔައިރު ބޯޑުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހުންނަން ޖެހޭނެ ކަމަށް ބުނެފަ އެއް ނުވެ އެވެ. އަދި އެ ބޯޑު އެކުލެވިގެންވާނީ ސަރުކާރު ކަމާބެހޭ ކޮންމެ މުއައްސަސާއަކުން މީޙަކު ހިމެނޭ ގޮތަށް ކަމަށް ބިލުގައި ބުނެފައިވެއިވެ އެވެ.

ކޮމެޓީން މިއަދު ބިލު ފާސްކުރިއިރު އިގްތިސާދީ ހާއްސަ ސަރަހައްދުތަކުގެ ބިލު ގާނޫނަކަށްވެ އުފެދޭ އިގްތިސާދީ ޒޯންތަކުގައި އިންވެސްޓްކުރާ ނުވަތަ ޒޯންތައް ޑިވަލޮޕްކުރާ ޑިވަލޮޕަރުންގެ އަތުން ނަގަންޖެހޭ ޓެކްސް މާފުކުރެވޭނެ ގޮތްތަކެއް ވެސް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ ސަރަހައްދުތަކަށް އިންވެސްޓްކުރާ ނުވަތަ އެ ސަރަހައްދުތައް ޑިވަލޮޕްކުރާ ޑިވަލަލޮޕްރުންގެ އަތުން ނަގަންޖެހޭ ޓެކްސް ރައީސުލްޖުމްޖޫރީއްޔާ އަށް މާފްކޮށްދެވޭނީ އެސްއީޒްގެ ގާނުނުގެ ދަށުން އުފައްދާ ބޯޑުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

ބިލްގައި ބުނެފައިވާ ގޮތުން އިގްތިސާދީ ހާއްސާ ސަރަހައްދުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުން ދައްކަންޖެހޭ ޓެކްސް އެއް ނުވަތަ އެ ސަރަހައްދަށް ލިބޭ އާންމުދަނީއަކާ ގުޅޭ ގޮތުން މައުލޫލާތު މީރާ އަށް ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް މީރާއަށް ދޭންޖެހޭނެ އެވެ. އެހެން ނަމަވެސް މީރާ އަށް އެ މައުލޫމާތު ދޭންޖެހޭނީ އެސްއީޒެޑްގެ ގާނުނުގެ ދަށުން މީރާއިން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

އެސްއީޒެޑްގެ ގާނޫނުގެ ދަށުން އެފެދިގެންދާ އިގްތިސާދީ ހާއްސަ ސަރަހައްދުތަކުގައި ވަޒީފާ އަދާކުރާނެ މީހުން ގެންގުޅެން ޖެހޭނެ އުސޫލްތައް ވެސް ބިލްގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން އެ ސަރަހައްދުތަކުގައި އިންވެސްޓްކުރާ ފަރާތްތަކުން ނުވަތަ ޑިވަލޮޕަރުން ގެންގުޅޭ ބިދޭސީން އަދަދު 10 ޕަސެންޓަށްވުރެ އިތުރުވެގެންނުވާނެ އެވެ. އެއަށްވުރެ އިތުރަށް ބިދޭސީން ގެންނަން އިންވެސްތަރުން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނީ އެސްއީޒެޑްގެ ގާނުނުގެ އުފައްދާ ބޯޑަށް ހުށަހަޅައިގެން އެ ބޯޑުން ލިބިދޭ ހުއްދައެއްގެ ދަށުންނެވެ. މީގެ އިތުން އެ ސަރަހައްދުތަކުގައި މަސައްކަތްކުރާ ބިދޭސީން އެހެން އެއްވެސް ސަރަހައްދެއްގައި މަސައްކަތްކުރުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން އެ ސަރަހައްދުތަކުގައި މަސައްކަތްކުރާ ބިދޭސީން އެ މީހުންނަށް ލިބޭ އާންމުދަނީ ރާއްޖެއިން ބޭރަށް ފޮނުވާނަމަ އެ މީހުންގެ އަތުން ޓެކްސް ނުގުމަށް ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.

އެސްއީޒެޑްގެ ގާނޫނުގެ ދަށުން އުފައްދާ އިގްތިސާދީ ހާއްސަ ސަރަހައްދުތަކުގައި އިންވެސްޓްކުރާ ނުވަތަ އެ ސަރައްދުތައް ޑިވަލޮޕްކުރާ ފަރާތްތަކަށް ދޫކުރާ ޒޯން، އެ އިންވެސްޓަރުންގެ އަތުން ނުވަތަ އެ ޑިވަލޮޕަރެއްގެ އަތުން ދިވެހި ދައުލަތަށް ނެގޭނެ ހަމަތަކެއް ވެސް ބިލްގައި ކަމޑައަޅާފައިވެ އެވެ. އެގޮތުން އިގްތިސާދީ ޒޯންތަކުގައި އިންވެސްޓްކުރާ އިނެވެސްޓަރެއްގެ އަތުން ނުވަތަ ޑިވަލޮޕަރެއްގެ އަތުން އެ ޒޯނެއް ނެގޭނީ ދިވެހި ދައުލަތަށް ނުވަތަ ދިވެހި ގައުމަށް ގެއްލުމެއް ވެދާފަދަ ކަމެއް މެދުވެރިވެއްޖެނަމައެވެ. އަދި އިންވެސްޓަރެއްގެ އަތުން ނުވަތަ ޑިވަލޮޕަރެއްގެ އަތުން އެ އިގްތިސާދީ ޒޯނެއް ނަގަން ޖެހޭނީ އެ ސަރަހައްދެއް ޑިވަލޮޕް ކުރި ނުވަތަ އެ ސަރަހައްދަކަށް އިންވެސްޓް ކުރި އިންވެސްޓަރަކަށް ދޭންޖެހޭ ބަދަލު ދިނުމަށް ފަހުގަ އެވެ. މީގެ އިތުރުން ވެސް އެ ބިލްގައި އިންވެސްޓަރުންނާއި ޑިވަލޮޕަރުންނަށް ލިބެދެވޭނެ ހާއްސަ އިނާޔަތްތަކާއި އެސްއީޒެޑްގެ ގާނޫނު އުފެދޭ އިގްތިސާދީ ހާއްސަ ސަރަހައްދުތަކުގައި އިންވެސްޓް ކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭނެ ގޮތްތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިގްތިސޯދީ ކޮމެޓީއަށް ފޮނުވާފައި ވަނީ މިދިޔަ މަހު 14 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށް ދަނިކޮށް މި މަހުގެ 13 ވަނަ ދުވަހު ކޮމެޓީގެ ބައްދަލުވުން ކުރިއަށްދަނިކޯށް ވަކި ހިސާބަކުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ އެ ކޮމެޓީ ބޮއިކޮޓްކޮށްފަ އެވެ.

ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓުކޮށްފައި ވަނިކޮށް ރޭ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން ވަނީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ. އަދި މިއަދު ހެނދުގެ ދަންފަޅީގައި އެމްޑީޕީން ބައިވެރިނުވި ނަމަވެސް ޖުމްހޫރީ ޕާޓީން ބައިވެރިވި އެވެ. ނަމަވެސް ދެވަނަ ދަންފަޅީގައި އެއްވެސް ޖުމްހޫރީ ޕާޓީން ބައިވެރިވެފައެއް ނުވެއެވެ.