17 Aug 2014, 16:06
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު މ. ޕިސްތާގޭ އާމިނަތު ޝާދިޔާ ވަޒީފައިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ވެސް ހުކުމް ކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ޝާދިޔާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ކަމުގެ މަގާމުން ޝާދިޔާ ވަކިކޮށްފައި ވަނީ 2012 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އޭނާ ހިމެނިފައި ނުވާތީ، ވަޒީފާގައި ޝާދިޔާ ބެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެހެން ބުނިކަމުގައި ވިޔަސް 2012 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޝާދިޔާއަށް މުސާރަ ދީފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އަދި ބަޖެޓުގައި އެ މުވައްޒަފަކަށް މުސާރައިގެ ފައިސާ ހިމެނިފައި ނެތިގެން ވަޒީފާއިން ވަކިކުރާނަމަ، އެކަން އެނގޭ ދުވަހުން ފެށިގެން އެކަމާ ބެހޭ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ހައިކޯޓިގެ ހުކުމްގައި ވެއެވެ.
އެހެންކަމުން އެކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ޝާދިޔާ އަދާކުރަމުންދިޔަ ވަޒީފާ އަލުން ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލުން އަންގާފައިވާ އެންގުމަކީ ސައްޚަ އެންގުމެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.