17 Aug 2014, 16:02
އިސްލާމީ މުޖުތަމައުތަކުގެ ތެރޭގައި މިއަދު ފެންނަމުން ދަނީ، މުސްލިމުން ކީރިތި ގުރުއާނާ ދުރުހެލިވެފައި ވާ މަންޒަރު ކަމަށް ސައުދީ އަރަބިއްޔާގެ މަޝްހޫރު އިލްމުވެރިޔާ ޑރ. އިބްރާހިމް ދުވައިޝް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ޑރ. އިބްރާހިމް ދުވައިޝް އިސްލާމީ މަރުކަޒުގައި ރޭ ދެއްވި ހާއްސަ ދަރުހުގައި ވިދާވީ، އަދުގެ މުސްލިމުން ހަމައެކަނި ސޫރަތުލް ފާތިހާއާ މެދު ވިސްނައި ފިކުރުކޮށް، އެބައިމީހުންގެ ކޮންމެ ދުވަހެއްގެ ކަންތައްތައް ނިންމާއިރު ހަމައެކަނި އެ ސޫރަތާ އެއްގޮތަށް އަމަލުކުރަމުން ގެންދާ ނަމަވެސް، އިސްލާމީ އުންމަތުގެ ހާލަތު މިހާ ދަށްވެގެން ނުދިޔައީސް ކަމަށެވެ.
"މިއަދު މުސްލިމުން ވަނީ ދުރުހެލިވެފައި، މިފޮތާ [ކީރިތި ގުރުއާން]އާ މެދު ވިސްނާ ފިކުރުކުރުމާއި އަމަލުކުރުމަށް. އިންސާނާ ހެނދުނު ތެދުވުމާ އެކު ރޭގަނޑު ނިދުމަށްދާންދެން އޭނާގެ ކަންތައްތައް ބަހައްޓާނެ ގޮތާއި މެދު މި ސޫރަތުން [ފާތިހާ ސޫރަތް] ޖަވާބު ލިބިގެންދާނެ. އަދި އެކަަމަށް ބޭނުންވާ ދަލީލުތައް ކީރިތި ރަސޫލާގެ ސީދާ ހަދީޘްތައް ކީރިތި ގުރުއާނަށް ޖަމާކޮށްފައިވާނެ،" ޝެއިހް ވިދާޅުވި އެވެ.
ޝެއިހް ރޭ ދެއްވި ދަރުހުގައި ސޫރަތުއް ފާތިހާ ކިޔެވުމުގެ މުހިއްމު ކަމާއި ގުރުއާން ކިޔަވާއިރު އޭގެ މާނަ އެނގި، ގުރުއާނުގައިވާ ކަންތައްތަކާ ވިސްނާ ފިކުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދެއްކެވި އެވެ.
ސޫރަތުލް ފާތިހާއަކީ ކީރިތި ޤުރުއާނުގައި އެންމެ މާތް އަދި މަތިވެރި ކުރައްވާފައިވާ ސޫރަތް ކަމަށް ފާހަގަކުރައްއި ޝެއިހް ދުވެއިޝް ވިދާޅުވީ، މާތްﷲ ތަކުރާރުކޮށް ފާތިހާ ސޫރަތް ކިޔެވުމަށް އަންގަވާފައިވުމުގެ ސިއްރުތަކަކާއި ހިކުމަތްތަކެއް ވާނެ ކަމަށެވެ. ނަމަވެސް، ފާތިހާ ސޫރަތް ކޮންމެ ދުވަހަކު 17 ފަހަރު ކިޔަވާއިރު، އެކަލާނގެ އެ މަތިވެރި ސޫރަތް ބާވާލައްވާފައި ވަނީ ކޮން ސަބަބަކަށްޓަކައި ކަން ނުވަތަ އެ ސޫރަތުގެ މާނަ ގިނަ މީހުންނަށް ނޭނގޭ ކަމަށް ޝެއިހް ވިދާޅުވި އެވެ.
ދުވައިޝް ވިދާޅުވީ، މާތްﷲ ގުރުއާން ބާވާލައްވާފައި ވަނީ އެއިން ބަރަކާތް ހޯދުމުގެ އިތުރުން އެ ގުރުއާނަކީ މުޅި ހަޔާތުގެ މަންހަޖު ކަމަށް ވާތީ ކަމަށެވެ. އަދި އެ ފޮތަކީ ކޮންމެ ދުވަހެއްގެ ކަންތައްތައް އެއާ އެއްގޮތަށް ގެންދިއުމުގެ އިތުރުން ސީދާ މަގަށް މީހާ އަޅުވައިދޭ، ހެޔޮކޮށް އުޅޭ މުއުމިނުންނަށް އުފާވެރިކަން ދެއްވާ އެއްޗެއް ކަމަށްވެސް ޝެއިހް ވިދާޅުވި އެވެ.
އެގޮތުން ޝެއިހް ވަނީ ގުރުއާނާ ބެހޭ ދިރާސާތަކެއް ހެދުމަށްފަހު އެ ފޮތުގައި ހުރި ހައިރާންކުރުވަނިވި ކަންތައްތައް ފެނި އިސްލާމްވި ކެނެޑާ ރައްޔިތެއްގެ ވާހަކަ އެ ޖަލްސާގައި ހިއްސާކުރައްވައިފައެވެ.
ސޫރަތުލް ފާތިހާއަށް އެކި ނަންދެވިފައިވާ ކަމަށް ފާހަގަކުރައްވައި ދުވެއިޝް ވިދާޅުވީ، އެ ސޫރަތުގައި އެތަށް ސިއްރެއްވެސްވާ ކަމަށެވެ. އެގޮތުން، ތަފާތު ބަލިތައް ޖެހުމުން އެ ބަލިތަކަށް ޝިފާ ހޯދުމަށް ގިނަ ފައިސާ އާއި ވަގުތު ހޭދަކުރާއިރު، އެތަށް ބައްޔަކަށް ސޫރަތުލް ފާތިހާ އިން ޝިފާ ލިބިގެންދާކަމަށް ޝެއިހް ވިދާޅުވި އެވެ.
"ސިއްހީ ބަލިތަކާއި މައުނަވީ ބަލިތަކަށް ސޫރަތުލް ފާތިހާ ޝިފާ އަކަށްވެގެންދޭ. ނަމަވެސް ކޮންމެ މީހަކަށް ފާތިހާ ސޫރަތް ކިޔަވައިގެން ނުވަތަ ރުގިޔާ ކިޔަވައިގެން ފަރުވާއެއް ނުހޯދޭނެ. އެ ފަރުވާ ހޯދޭނީ ފާތިހާ ސޫރަތުގެ މަތިވެރިކަމާއި މާނައާއި މަގްސަދު އިނގޭ ބަޔަކަށް،" ޝެއިހް ވިދާޅުވި އެވެ.
މީގެއިތުރުން، ފާތިހާ ސޫރަތް ކިޔަވާއިރު ވިސްނުމާއި ފިކުރާއި އެއްގޮތަށް ދުއާ އެކުލޭ ގޮތަށް އެކަމަށް އެދިގެން ކިޔައިފިނަމަ ދުއާ އިޖާބަކުއްވާ ކަމަށާއި "ފާތިހާ ސޫރަތުން ތިބާއަށް މާތްﷲ ވައުދުވެފައިވާ ކަންތައްތައް ފުއްދަވައިދެއްވާނެ" ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.