ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗަށް ލިބުނީ ގޮތްނޭނގޭ އަނިޔާއެއް ކަމަށް އެ ކްލަބުގެ ކޯޗު ލޯރެންޓް ބްލޭންކް ބުނެފި އެވެ.

ބަސްޓިއާ އާ ދެކޮޅަށް ކުޅެ 2-0 ލަނޑުން ޕީއެސްޖީ މޮޅުވި މެޗުގައި އިބްރަހިމޮވިޗްގެ ކުޅުން ފެނުނީ 15 މިނެޓަށެވެ. އެ މެޗުން ޕީއެސްޖީ މޮޅުވީ ބްރެޒިލް މިޑްފީލްޑަރު ލޫކަސް މޯރާ އާއި އުރުގުއާއީ ފޯވާޑް އެޑިންސަން ކަވާނީ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

ބްލޭންކް ބުނީ، އިބްރަހިމޮވިޗަށް އަނިޔާވީ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ގައިގައި ޖެހުމުން ނޫން ކަމަށާއި އެއީ އެ ހާދިސާއާ ގުޅިގެން އޭނާ ވެއްޓުނު ގޮތަކުން ވީ އަނިޔާއެއް ކަމަށެވެ.

"ފުރަތަމަ އަހަރެން ވެސް ހީކުރީ އެއީ އިދިކޮޅު ކުޅުންތެރިޔާ ގައިގައި ޖެހިގެންވީ ކަމެއް ހެން. އެކަމަކު އެކަން ވީ އޭނާ އެނބުރިގެން ވެއްޓުމުގެ ސަބަބުން ވެގެންދިޔަ އަނިޔާއެއް،" ބްލޭންކް ބުންޏެވެ. "އެ އަނިޔާއަކީ ގޮތްނޭނގޭ އަނިޔާއެއް. އެ އަނިޔާއަކީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭނގޭ."

ފްރާންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ ދެ މެޗުން އެ ޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ލީގުގައި ޕީއެސްޖީ ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހު އީވިއާންއާ ދެކޮޅަށެވެ.