މި އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕް މެޗުތައް މީޑިއާ ނެޓުން ދެއްކި އިރު، ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ނެޓާ ދެމެދު ކޮށްފައިވާ މުއާމަލާތްތައް ހޯދަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އެދުމުން އެ ލިޔެކިޔުންތައް ނުދިން މައްސަލާގައި އެ ލިޔުންތައް ހޯދައި ދިނުމަށް ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝުކޫރުގެ އެވަން ގާޑް ލޯޔާސްއާ ހަވާލުކޮށްފި އެވެ.

އެމްބީސީގެ މީޑިއާ އޮފިޝަލް އަބްދުﷲ ރަމީޒު މިއަދު ސަން އަށް ވިދާޅުވީ އެ މައުލޫމާތު ހޯދުމަށް ދެ ފަހަރެއްގެ މަތިން ލިޔެކިޔުމުން ވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވެސް އެ މައުލޫމާތު ދެއްވުމަށް ބްރޯޑްކާސްޓިން ކޮމިޝަންގައި އެދުނު ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައުލޫމާތު ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯލްޑްކަޕް މެޗްތައް ދެއްކުމުގެ ރައިޓްސް އަޅުގަނޑުމެންގެ އަތުގައި އޮއްވައި އެހެން ބަޔަކަށް އެ މެޗްތައް ލައިވް ކުރެވޭނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ހުއްދައެއް އޮވެގެން ކަމަށް އަޅުގަނޑުމެން މިބަލަނީ. ޓީވީއެމުން ވެސް އެ މެޗުތައް ދެއްކީ އެ ކޮމިޝަނަށް ހުށަހަޅަައި ހުއްދަ ހޯދައިގެން. އެހެން ކަމުން މީޑިއާ ނެޓާ އެކު އެ ކޮމިޝަނުން މެޗްތައް ދެއްކުމާ މެދު ކުރެވިފައިވާ މުއާމަލާތްތަކާ ބެހޭ ލިޔުންތައް އަޅުގަނޑުމެންނަށް ލިބިދޭން ޖެހޭ،" އެމްބީސީގެ މީޑިއާ އޮފިޝަލް ރަމީޒު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނާސިހު މިއަދު ސަން އަށް ވިދާޅުވީ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ހޯދަން އެދިފައި ވަނީ އެ ކޮމިޝަނުން މިހާރު ބަލަމުން ގެންދާ މައްސަލައަކާ ގުޅޭ ލިޔެކިޔުން ކަމަށެވެ. އަދި އެ މައުލޫމާތު އެފަރާތަަށް މައްސަލަ ބަލައި ނިމުމުން ފޯރުކޮށްދޭނެ ކަން ކޮމިޝަނުން އެފަރާތަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ އަޅުގަނޑުމެން މިދަނީ ބަލަމުން، ސީދާ މައްސަލައާ ގުޅުން ހުރި މައްސަލައެއް އެ ފަރާތުން ހޯދަން އެދިފައި ވަނީ، އެހެންވެ އެ މައުލޫމާތު އަދި ދެވެން ނެތްކަން ވާނީ އަންގާފައި،" މި ދިޔަ ޖޫން މަހު އޮތް ވޯލްޑް ކަޕްގެ ލިޔެކިޔުންތަކާ ބެހޭ ގޮތުން ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ އެމްބީސީގެ ޓީވީއެމް އިން ވޯލްޑްކަޕް މެޗްތައް ލައިވްކުރީ އެ ކޮމިޝަނުން ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް މީޑިއާ ނެޓުން އެ ހުއްދަ ހޯދިތޯ ދެންމެވުމުން ވިދާޅުވީ އެއީ މައްސަލައާ ސީދާ ގުޅުން ހުރި ސުވާލަކަށް ވާތީ ޖަވާބުދެއްވެން ނެތް ކަމަށެވެ.

މިދިޔަ ޖޫން މަހު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ މެޗްތައް ރާއްޖޭގައި ދެއްކުމުގެ ހުއްދަ ދީފައި ވަނީ ޓީވީއެމް އާއި ވީޓީވީ އެކަނި ކަމަށް ރާއްޖެ އަށް އެ މުބާރާތުގެ މެޗުތައް ދެއްކުމުގެ ހުއްދަދިން އިންޑިއާގެ ސެވަން ތްރީ ސްޕޯޓްސް އިން ވަނީ ބުނެފަ އެވެ. އަދި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް އެ ދެ ޗެނަލުން ނަގާފައި ވަނިކޮށް އިތުރު ޗެނަލަކުން ކޭބަލް ތެރެއަށް ވަދެ ވޯލްޑްކަޕް ދެއްކުމުން ބްރޯޑްކާސްޓަރުންނަށް ބޮޑެތި ގެއްލުންތަކެއްވެ، ސްޕޮންސަރުން ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށް ބްރޯޑް ކާސްޓަރުންގެ ލޮބީ ގްރޫޕުން ވަނީ ބުނެފަ އެވެ.