ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުލަތުން ދައުވާ ކުރި ދެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް މީގެ ތިން އަހަރު ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ ދެ މީހުން އުމުރަށް ޖަލަށްލުމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ތަރުކާރީ ފޮށިގަނޑުތަކެއްގެ ތަރެއަށް ލައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހިމެނޭ ޏ.ފުވައްމުލަކު، ޑެއިލީބުލޫ، އަބްދުއްލަތީފް މުހައްމަދާއި ހ.ފެންނާގޭ ހަސަން އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ހައިކޯޓުން މިއަދު އުމުރަށް ޖަލަށް ލާން ހުކުމް ކުރި ދެމީހުންގެ ތެރެއިން އަބުދުއް ލަތީފަކީ ވިޔަފާރިވެރިއެކެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ 14 ޑިސެމްބަރު 2010 ވަނަ ދުވަހުގެ ރޭ ޓީ ޖެޓީ ސަރަހައްދުގައި އަބްދުއްލަތީފާއި ހަސަން އަލީ ކާރެއްގައި ތިއްބާ ފުލުހުން ގޮސް އެ ދެ މީހުން ހައްޔަރުކޮށް އެ ކާރު ޗެކު ކުރިއިރު، އެ ކާރުގެ ޑިކޯ ތެރެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

އެކާރުގެ ޑިކީގެ ތެރެއިން މަސްތުވާތަކެތި ފެނުނު އިރު އެ ދެ މީހުން ޑިކީތެރެއަށް ތިން ފޮށިގަނޑުލާފައިވާ ކަން ވެސް ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.