އޮލިމްޕިއާކޮސްގެ ގްރީސް ޑިފެންޑަރު ކޮސްޓަސް މަނޮލާސް، އާސެނަލްގެ މެޑިކަލްގައި ބައިވެރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

އާސެނަލްއިން މަނޮލާސް ހޯދުމަށް މަސައްކަތް ފެށީ އެ ކްލަބުގެ ބެލްޖިއަމް ޑިފެންޑަރު ތޯމަސް ވަމާލިން ބާސެލޯނާއަށް ސޮއިކުރުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، އާސެނަލްއިން މަނޮލާސް ހޯދުމަށް މި މަހުގެ ކުރީކޮޅުގައި 10 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އެއްބަސްވުމަކާ ހަމައަށް އައުމަށްޓަކައި މަނޮލާސް އާސެނަލްއާއެކު މެޑިކަލް ޓެސްޓް ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްތައް ބުނެ އެވެ.

މަނޮލާސް ހޯދުމަށް އާސެނަލްގެ އިތުރުން އިޓަލީ ޗެމްޕިއަން ޔުވެންޓަސްއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަހު އާސެނަލްއަށް 20 މިލިއަން ޕައުންޑަށް ޑިފެންޑަރު ކަލުމް ޗެމްބާސް ސޮއިކުރި ނަމަވެސް، ސެންޓާ ބެކް މަގާމަށް ކުޅޭ އިތުރު ކުޅުންތެރިއެއް ބޭނުންވާ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ވަނީ ކުރިން ބުނެފަ އެވެ.

އާސެނަލްގެ ޖަރުމަން ސެންޓާ ބެކް ޕާ މަޓާސޭކާ ވެސް ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފަ އެވެ.