16 Jan 2011, 12:06
މިދިއަ އަހަރުގެ މެދެއްހާ ތާނގައި އދ. ހަންޏާމީދޫ އަބްދުއް ސަލާމް ސޮނީ ހާޑްވެއާ އަށް ދިޔައީ ރަށުގައި ހަދާ ގޭގެ މަސައްކަތަށް ބޭނުންވާ ދެތިން އެއްޗެއް ގަންނާށެވެ. ސޮނީން އޭނަގެ އަތަށް ކޫޕަން ކޮޅެއް ދިނެވެ. ފަރުވާލެއް ނެތި އެ ކޫޕަން ސަލާމް ލީ ވޮލެޓަށެވެ. އަމިއްލަ ނަސީބާ މެދު ސަލާމުގެ މާ ބޮޑު އުއްމީދެއް ނެތުމުންނެވެ.
ނަމަވެސް، އަމިއްލަ ނަސީބާ މެދު ސަލާމް ކުރަމުންދިޔައީ ކުށްހީއެއް ކަން މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާގެ ނަސީބު ވަނީ ސާބިތުކޮށްދީފަ އެވެ. އެތައް ހާސް މީހުންގެ ނަސީބާ ކުޅެ ވާދަކޮށް ވަނީ ކުރި ހޯދައިފަ އެވެ. ސޮނީގެ އެއް މިލިއަން ރުފިޔާގެ ވެރިޔާ އަށް، ސަލާމް ވަނީ ހަދައިދީފަ އެވެ. އެންމެންގެ ސަލާމުގެ އަތްތައް ސަލާމަށް ހުއްޓުވައިދީފަ އެވެ.
"އެއީ ވަރަށް އުފާވެރި ވަގުތުކޮޅެއް! އިނާމު ލިބުނީމަ ނޭނގުނު ބުނާނެ އެއްޗެއްވެސް،. އަހަރެންގެ ބަސް ހުއްޓުނު!" 22 އަހަރުގެ ޒުވާން ސަލާމް ބުންޏެވެ.
ހަބަރުތަކުން ސޮނީގެ އެއްމިލިޔަން ރުފިޔާގެ ހައްގުވެރިޔާ އިއުލާން ކުރިތާ 24 ގަޑިއިރުވީއިރު ވެސް ސަލާމް ގެ ކޫޕަންކޮޅު އޮތީ އޭގެ އެތައް މަހެއް ކުރިން ފަރުވާ ކުޑަކޮށް ބޮނޑިކޮށްލުމަށްފަހު ވޮލެޓް ތެރެއަށް ކޮއްޕާލި ގޮތަށެވެ.
"ކުރިން ދުވަހަކުވެސް އެކަހަލަ އެއްޗެއް ލިބުނު ހަނދާނެއްނެތް. ކޫޕަންކޮޅު ބަލައިވެސް ނުލަން،" ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ބުންޏެވެ.
"ސޮނީން އިއުލާންކުރި ރޭ އަހަރެން ޒަރީރު (ގާތް ރަހުމަތްތެރިޔެއް) އާއި އެކު ކޮފީއަށްދިޔައީ. ގޮސްފަ ޒަރީރު ބުނެފި އެއްމިލިއަން ރުފިޔާގެ ނަސީބުވެރިޔާ އިއުލާން ކޮށްފިޔޭ. ސަލާމް ކޫޕަންކޮޅު ބަލާބަލާށޭ. ދެން ބެލިއިރު ނަމްބަރު ދިމާވީ. އަނެއް ދުވަހު ހެނދުނު ގުޅީ. ދެން އެންމެ ފަހުން ވެރިފައިކޮށް ހެދިއިރު އެއީ އަހަރެން އަތުގައި އޮތް ކޫޕަން،" ސަލާމް ބުންޏެވެ.
އަމިއްލަ ދިރިއުޅުން އަމިއްލައަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ފުލުހުންގެ ވަޒީފާއާ މީގެ ހަ އަހަރު ކުރިން ގުޅުނު ސަލާމުގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ދުވަހަކަށްވީ ސޮނީގެ އެއް މިލިޔަން ރުފިޔާ އޭނާއަށް ލިބުނު ދުވަހެވެ.
~
ކުޑައިރުއްސުރެ ވެސް ސަލާމުގެ ބޮޑު އުންމީދަކީ ވިޔަފާރިއެއް ކުރުމެވެ. ވިޔަފާރިވެރިއަކަށް ވުމެވެ. ސަލާމް ބުންޏެވެ: "އަހަރެން ބޭނުންވަނީ ހަމަ ރަނގަޅު ވިޔަފާރިއެއް ކުރަން. އެއީ އަހަރެންގެ ހުރިހާވެސް އުންމީދަކީ. މީހުން މިހާރުވެސް ވަރަށް ހުށަހެޅުންތައް ހުށަހަޅާ. އެކަމަކު އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކާއި އެކު ކަމެއް ކުރާކަށް،"
އެންމެންގެ ކުރިމަތީގައި އަނބުރާލި އެންމެ ބުރަކުން އެއް މިލިޔަން ރުފިޔާ ލިބުނު ސަލާމަކީ އޭނާގެ މަންމަޔާއި ބައްޕަގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅުގެ އިތުރުން އެންމެ ހަގު ދަރިފުޅު ވެސް މެއެވެ. ސަލާމްގެ މަންމަ ސަންފާ އާދަން އާއި ބައްޕަ އަލީ ހުސެން ވެސް ތިބީ ސަލާމަށް ލިބުނު ބޮޑު ނިއުމަތަށްޓަކައި އުފާވެ ޝުކުރު ކުރުމުގަ އެވެ.
އުމުރުން 50ގެ އަހަރުތައް ގުނަމުން ދަނިކޮށް އެ ދެމަފިރިންގެ ދަރިފުޅަށް ލިބުނު ބޮޑު ނިއުމަތުން އެދެމަފިރިންގެ ހިތުގެ ވިންދުތައް ޒުވާން ކޮށްދީ މޫނުމައްޗަށް އުފާވެރިކަން ގެނެސްދީފި އެވެ.
"ސަލާމް ކައިރި ބުނާނީ ދަރިފުޅާއޭ. ލިބުނު ނިއުމަތް އެންމެ ހެޔޮގޮތުގައި ބޭނުންކުރާށޭ. ތަޅައި ބުރުވާ ނުލާށޭ،" ސަލާމްގެ މަންމަ ބުންޏެވެ.
އަވަހަށް ޒަވާޖީ ހަޔާތެއް ފެށުމުގެ ހިޔާލު ނުގެންގުޅޭ ޒުވާން ސަލާމް އަތުގައި މިހާރު އެއް މިލިޔަން ރުފިޔާ އެބަ އޮތެވެ. އޭނާ ތައްޔާރުވަމުންދަނީ ކުޑައިރުގެ އުންމީދު ހާސިލު ކުރުމަށް ލިބުނު ރަނުގެ ފުރުސަތުގައި ވިޔަފާރިވެރިއަކަށްވެ، އެއް މިލިޔަން ރުފިޔާ އެތައް މިލިޔަނަކަށް ހެދުމަށެވެ.