17 Aug 2014, 13:53
އިސްރާއީލުން ހިސާރޮކޮށްފައިވާ ޣައްޒާގެ ހިސާރު ނައްތާލުމަށް ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާދޭން ކޮންނަ ބިންގަރާސް މަގުތައް ހޯދައި ހަލާކު ކުރާނެ ސިސްޓަމެއްގެ މަސައްކަތް އެގައުމުން ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ ދަ ސަންޑޭ ޓައިމްސް އިން މިއަދު ބުނީ ހަމާސް އިން ބިންގަރާހެއް ކޮންނަން ފަށާއިރަށް އެކަން ދެނެގަނެ، ކޮންނަ ތަން ވެސް ދެނެގަނެ، އެއަށް ފަހު ރޮބަޓެއް ބޭނުންކޮށްގެން ބިންގަރާސް ނައްތާލެވޭ ފަދަ ސިސްޓަމެއްގެ މަސައްކަތް އިސްރާއީލު މިލިޓަރީ އިން އަންނަނީ ކުރަމުން ކަމަށެވެ.
އިސްރާއީލުގެ މިސައިލް ޑިފެންސް ސިސްޓަމް "އަޔަން ޑޯމް"ގެ ބިމު އަޑީގެ ވާޝަން ކަމަށް އެގައުމުން ސިފަކުރާ ސިސްޓަމް އުފައްދަނީ އިސްރާއީލުގެ އެލްބިޓް ސިސްޓަމްސް ކުންފުނި އިސްވެ އޮވެ އުފައްދާފައިވާ ކޮންސޯޓިއަމް އަކުންނެވެ. އަޔަން ޑޯމް އުފެއްދި ރަފައެލް ކުންފުނި ވެސް އެ ކޮންސޯޓިއަމްގައި ހިމެނެއެވެ.
އިސްރާއީލާއި ޣައްޒާ ގުޅޭ 42 މޭލުގެ ސަރަހައްދީ ރޮނގުގައި ބޭނުންކުރުމަށް އުފައްދާ އެ ސިސްޓަމަށް 430 މިލިޔަން ޕައުންޑް ޚަރަދުވާނެ ކަމަށް އިސްރާއީލް ސަރުކާރާ ހަވާލާދީ ނޫހުގައި ވެއެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެންމެ ފަހުން ހިންގި އުދުވާން ހިންގީ އެގައުމަށް ހަމަލާ ދިނުމަށް ހަމާސް ޖަމާއަތުން ހަދާފައިވާ ބިންގަރާސްތައް ހަލާކުރުމުގެ ނަމުގައެވެ.
އެ އުދުވާނުގައި މިހާތަނަށް ގާތްގަނޑަކަށް 1900 ފަލަސްތީނީން ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވީ ގިނަމީހުންނަކީ އާންމުންނެވެ. އަދި 400 ކުޑަކުދިންވެސް މި އަދަދުގެ ތެރޭގައި ހިމެނެ އެވެ.