17 Aug 2014, 13:47
ރެއާލް މެޑްރިޑާ އަލަށް ގުޅުނު ކޮސްޓަ ރިކާ ގޯލްކީޕަރު ކޭލާ ނަވާސް އެ ކްލަބަށް ކުޅުނު ފުރަތަމަ މެޗުން ލިބުނު ނާކާމިޔާބީގެ ސަބަބުން ހިތްހަމަނުޖެހިފައިވާ ކަމަށް އޭނާ ބުނެފި އެވެ.
އިއްޔެ އިޓަލީގެ ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން މެޑްރިޑް ބަލިވީ 2-1 ލަނޑުންނެވެ. ޔޫއެފާ ސުޕާ ކަޕް މެޗުގައި މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ނަވާސްއަށް ރެސްޓް ދިނުމަށް ފަހު، އޭނާއަށް ފުރުސަތު ދިނީ ރޭގެ މެޗުގަ އެވެ. ނަމަވެސް އެ މެޗުގައި ނަވާސްއަށް މިދިޔަ މަހު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑް ކަޕުގައި ދެއްކި ފެންވަރުގެ ކުޅުމެއް ނުފެނުނެވެ.
މެޗުގެ ކުރީ ކޮޅުގައި މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމަށް ލީޑު ފުޅާކޮށްދިން ނަމަވެސް، ފިއޮރެންޓީނާއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ފަހަތުން އަރައި މޮޅުވެފަ އެވެ.
"ފުރަތަމަ މެޗުގައި މޮޅު ނުވެވުމުން ހިތާމަކުރަން،" މެޗަށް ފަހު ވާހަކަދައްކަމުން ނަވާސް ބުންޏެވެ. "އަހަރެމެން ޖެހޭނީ އަހަރެމެންގެ ކުޅުން ދުވަހަކަށްވުރެ، ދުވަހެއް ރަނގަޅު ކުރުމަށް މަސައްކަތްކުރަން. ބަލިވިޔަސް މި ޓީމާއެކު ކުޅުނު މެޗުގައި އަހަރެންގެ ހާސްކަން ފިލައިގެން ދިޔަ،"
އުމުރުން 27 އަހަރުގެ ކޮސްޓަ ރިކާ ގޯލްކީޕަރު ބުނީ، ރެއާލް މެޑްރިޑުން ދެން ތައްޔާރުވާންވީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ ސްޕެނިޝް ސުޕާ ކަޕަށް ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ އެ މެޗުން މޮޅުވާން،" ނަވާސް ބުންޏެވެ. "ސްޕެނިޝް ސުޕާ ކަޕަކީ އަހަރެމެންނަށް ވަރަށް މުހިންމު ތައްޓެއް. މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެމެން ކުރާނަން."
ސްޕެނިޝް ސުޕާ ކަޕްގައި ދެ ލެގު ކުޅޭއިރު، ރެއާލް މެޑްރިޑް ދަނޑުގައި ކުޅޭ ފުރަތަމަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ދަންވަރު 2:00 ގައެވެ. އަދި އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ދަންވަރު 1:30 ގައެވެ.