17 Aug 2014, 13:03
އޭޝިއާ ޕެސިފިކް ޗިލްޑްރެންސް ކޮންވެންޝަން (އޭޕީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވަމުން ގެންދާ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ޖަޕާންގެ 16 ކުއްޖަކު ރާއްޖެ އަތުވެއްޖެ އެވެ.
ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމާއި އެއް ގައުމު އަނެއް ގައުމުގެ ތަފާތު ސަގާފަތަށް ކުޑަކުދިން އަހުލުވެރިކުރުވައި ތަފާތުތައް ނައްތާލާ އެކުވެރިކަން އާލާ ކުރުމަށް ބާއްވަމުން ގެންދާ އެ ޕްރޮގްރާމްގެ ދަށުން މިއަދު ހެނދުނު މާލެ އައިސްފައި ވަނީ، 16 ކުދިނާ އެކު ތިން އޮފިޝަލުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ، ޖަޕާނުގެ އެ ކުދިން ރާއްޖޭގައި ފަސް ދުވަސް ވަންދެން މަޑުކުރާނެ ކަމަށާއި އެ ކުދިން ތިބުމަށް ހަމަޖެހިފައި ވަނީ މާލޭގައި ދިރިއުޅެމުން އަންނަ ބައެއް ދިވެހި އާއިލާތައް ކައިރީގައި ކަމަށެވެ.
"މާލޭގައި އެ ކުދިން ހޭދަ ކުރާ ފަސް ދުވަހުގެ ތެރޭގައި ދިވެހި ސަގާފަތާއި އާދަ ކާދަތައް އެ ކުދިންނަށް ދައްކުވައިދިނުމަށް ރޭވިފައިވޭ. އެގޮތުން ޖަޕާނުގެ ކުދިންނާއި ދިވެހި ކުދިންނާ އެކު ކ. މާފުއްޓަށް ދިޔުމަށް ހަމަޖެހިފައިވޭ،" ދަތުރުގެ އިންތިޒާމުތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ސޫދާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ޖަޕާން ކުދިންނާއި ރާއްޖޭގެ ކުދިން ދެ ގައުމުގެ ދެމެދުގައި ދަތުރުތައް ކުރިއަށް ގެންދާތާ މިއީ 19 ވަނަ އަހަރު ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ ހަ ކުއްޖަކު އެ ޕްރޮގްރާމްގެ ދަށުން ޖަޕާނަށް ގޮސްފައިވެ އެވެ.