ގައުމީ އެއާލައިން މޯލްޑިވިއަން އިން ސީ ޕްލޭންގެ ދަތުރުތައް ރަސްމީ ސިފައެއްގައި ފެށުމަށް ބޭނުންވާ ވަސީލަތްތައް މިއަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ގާއިމް ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު 'ސަން'އަށް ވިދާޅުވީ، ސީ ޕްލޭންގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތައް ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. ރަސްމީކޮށް ދަތުރުތައް ފެށުމަށް ފޯކަސް ކުރެވޭނީ އޭރުން ކަމަށް ވެސް ހާރިޝް ވިދާޅުވި އެވެ.

"އެމަސައްކަތްތައް ދަނީ ވަރަށް ބާރަށް ކުރަމުން، އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރު މައުލޫމާތުދޭ ގޮތުގައި ނޮވެމްބަރު މަހުގެ ތެރޭގައި މަަސައްކަތްތައް ނިންމާލެވޭނެ،" ހާރިޝް ވިދާޅުވި އެވެ.

ހާރިޝް ވިދާޅުވީ، ވަސީލަތްތައް ގާއިމް ނުވެ ހުރުމުގެ ސަބަބުން މިވަގުތު ރަސްމީކޮށް ދަތުރުތައް ފެށުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިމަހުގެ ފަހު ހަފްތާގެ ތެރޭގައި ހއ. އަތޮޅަށް ދަތުރުތައް ފެށިގެންދާނެ ކަމަށް ހާރިޝް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގެ ހިދުމަތް މިހާރު ދެނީ ޓޫރިސްޓުންނަށް ކަމަށާއި އެކަމަށްވެސް ބޭނުން ކުރަނީ ޑޮމެސްޓިކް ޓާމިނަލް ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކަށް އެ ކުންފުނިން ސީ ޕްލޭން ދަތުރުތައް ފެށުމަށް ޓަކައި އެ ރިސޯޓްތަކާއެއްކޮށް ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމަށް ޓަކައި ތަފާތު މަޝްވަރާތައް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ތެރޭގައި މޯލްޑިވިއަން އިން އިތުރު ދެ ސީ ޕްލޭން ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ހާރިޝް ވަނީ ވިދާޅުވެފަ އެވެ. މޯލްޑިވިއަން އިން މިހާރު ވެސް އޮޕަރޭޝަންގައި ދެ ސީ ޕްލޭން ގެންގުޅެ އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތަކަށް ބޭނުންކުރަނީ "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ފްލައިޓްތަކެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.