17 Aug 2014, 12:16
ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ކުރެވޭނީ ކޮންކޮން ދައުވާތަކެއްތޯ ބަލަމުން އަންނަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މުހުތާޒު ވިދާޅުވީ ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން މިހާތަނަށް ކުރެވިފައި ވަނީ ވަރަށް މަދު ދައުވާ ތަކެއް ކަމަށާއި ގްރޫޕް ހަދައިގެން ހިންގާ މާރާމާރީތައް ހުއްޓުވުމަށްޓަކައި އެ ގާނޫނުގެ ދަށުން އެޅޭނީ ކޮން ފިޔަވަޅެއްތޯ ބަލަމުން އަންނަ ކަމަށެވެ.
"މިހާތަނަށް އެ ގާނޫނުގެ ދަށުން ވަރަށް މަދު ދައުވާތަކެއް އުފުލިފައި ވަނީ. އެހެންނަމަވެސް އޭގެދަށުން، ތަހުގީގު ކުރާ ފަރާތުގެ ވެސް އެދުމުގެ މަތިން އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަދަން ރާއްޖޭގައި ގްރޫޕް ހަދައިގެން މި ހިންގާ މާރާމާރީތައް ހުއްޓުވުމަށްޓަކައި ގޭންގު ކުށްތަކާ ބެހޭ ގާނޫނުގެ ދަށުން އެޅޭނީ ކޮން ފިޔަވަޅެއްތޯ ބަލައި، ކުރެވޭނެ ދައުވާތަކާ މެދު އަޅުގަނޑުމެން މިދަނީ ވިސްނަމުން،" މުހުތާޒު ވިދާޅުވި އެވެ.
ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަކީ "ވާތްގެއް ނެތް" ގާނޫނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި ފުލުހުން ވެސް ބުނެފައި ވަނީ އެ ގާނޫނު ބައްޓަން ކުރެވިފައި އޮތްގޮތުން ރާއްޖޭގައި ގޭންގުތަކުގެ ގޮތުގައި ބަޔަކު ހަރަކާތްތެރިވި ކަމުގައި ވިޔަސް އެފަދަ މީހުން ހަރަކާތްތެރި ވަނީ ގޭންގުތަކެއްގެ ގޮތުގައި ކަމަށް ގާނޫނީގޮތުން ކަނޑައެޅޭނެ ގޮތެއް އެ ގާނޫނުގައި ނެތް ކަމަށެވެ.
އެ ގާނޫނަށް އިސްލާހު ގެންނަންޖެހޭތޯ ދެންނެވުމުން ޕީޖީ މުހުތާޒު ވިދާޅުވީ، ހުރިހާ ގާނޫނެއް އެންމެ ފުރިހަމަ ނުވާނެ ކަމަށާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިނަމަ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެކަން ހައްލުކުރުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
"އެ ފިޔަވަޅު އަޅަން އުދަގޫތަކެއް، ދަތިތަކެއް ހުރެއްޖެކަމަށް ވަންޏާ އެ ދަތިތައް ހައްލުކުރުމަށްޓަކައި އެކަމާ ބެހޭ އިދާރާތަކާ ވާހަކަދައްކައިގެން ނަމަވެސް އެކަން ހައްލުކުރަން އަޅުގަނޑު ތައްޔާރު،" މުހުތާޒު ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވީ ގާނޫނުން ޕްރޮސިއުޓާ ޖެނެރަލްއާ މަތިކޮށްފައިވާ ހުރިހާ ޒިންމާއެއް އަދާކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.