17 Aug 2014, 11:55
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމުކުރުމަށް އެސްޓީއޯއާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރ. މީދޫ ގައި ފާމަސީއެއް ހުޅުވައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ މީދޫގައި ހުޅުވި ފާމަސީ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މީދޫގައި ހުޅުވި އެސްޓީއޯ ފާމަސީއާ އެކު އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު މިހާރު 17އަށް އަރައެވެ. އެންމެ ފަހުން އެ ކުންފުނީގެ ފާމަސީއެއް ހުޅުވީ ތ. ތިމަރަފުށީގައެވެ.
އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ގާއިމް ކުރުމަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫއުއަށް ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.