16 Jan 2011, 12:01
މައުމޫނުގެ ސަރުކާރުން ކޮންމެ އިންތިޚާބަކާ ދިމާކޮށް ޖެހި ކަޑަތައްފީވެ، ދަބަރަށްވެ، އެޅި ބިންގާތައް ދުވަސްވެ ފުނޑުފުނޑުވެގެން ދިޔަ ގޮތަށް ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުވެގެންދާން ނޭދޭ ނަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓުދިނުމަށް އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ގޮވައިލައްވައިފި އެވެ.
ރ. މާކުރަތު ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި މާރިޔާ ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފެންނަމުންދާ ސަރުކާރަށް ޖެއްސުން ކުރުމުގެ ސަގާފަތް އިދިކޮޅު ފަރާތްތަކަށް ކައުންސިލްތައް ކާމިޔާބުވެއްޖެ ނަމަ އެ ކައުންސިލްތަކުން ވެސް ފެނިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ދަތުރުގައި މާކުރަތު އެމްޑީޕީ "ކުރިމަގު ޖަގަހަ" ހުޅުއްވައިދެއްވުމަށް ފަހު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މާރިޔާ ވިދާޅުވީ އެމްޑީޕީއަށް ތާއީދު ހޯދައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާކުރަތު ތަރައްޤީ ކުރެއްވުމުގެ ވިސްނުމެއް އެބައޮތް ކަމަށާއި އެ ރަށުގައި ވަޒީފާގެ ފުރުސަތުތައް ވަރަށް މަތީ ދަރަޖައަކަށް ގުޅިފައި ވަނީ ހުއިފިލަނޑާގެ މަސައްކަތާއި އިހި ނެގުމާއި އެހެންވެސް އެކުއާކަލްޗާގެ މަސައްކަތާ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، ކަނޑުމަހުގެ މަސްވެރިކަން ދިރުވުމާ އެކު، ކަނޑުފަރުގެ ދިރުން އާލާކުރުމުގެ ވިޔަފާރި ތަރައްޤީ ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ނ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ މަސައްކަތް ފެށި، އެކަމުގެ ސަބަބުން، އެ ރަށްރަށަށް ތަރައްޤީގެ ފުރުސަތުތައް ފަހިވެފައިވާ ކަމަށާއި ސަރުކާރުގެ ބޭނުމަކީ މާކުރަތަށް ވެސް އެފުރުސަތުތައް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ސަރުކާރުން ހޯއްދާފައިވާ ކާމިޔާބުގެ މައްޗަށް ބައްލަވައިލައްވަމުން، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލެއްވުމަށް ސަރުކާރުން ވެވަޑައިގެންނެވި ވަޢުދުގެ ތެރެއިން، މާކުރަތުގެ 150 ރައްޔިތަކަށް މަދަނައިގެ ތެރެއިން އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މީގެއިތުރުން، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް މަހަކު ދެއްވާ 2000 ރުފިޔާގެ ޕެންޝަނެއް ދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، މާކުރަތުގެ 58 ރައްޔިތަކަށް މަހަކު ދެހާސް ރުފިޔާ ދެއްވެމުން ގެންދެވޭކަމީ، ސަރުކާރަށް ހިތްހަމަޖެހުމާއި ހިތްވަރު ލިބޭ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ޔަތީމް ކުދިންނާއި، އެކަނިވެރި މައިންނަށް ދެއްވާ ޢިނާޔަތް، މާކުރަތުގެ 16 ރައްޔިތަކަށް ސަރުކާރުން މިހާރު ދެއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ތެރެއިން، މާކުރަތު ހިމެނޭ އުތުރު ޕްރޮވިންސްގައި، ދަތުރުފަތުރުގެ ނިޒާމް ޤާއިމްކުރެއްވުނު ފަހުން، 1037 ރައްޔިތުން މާކުރަތުން ދަތުރު ފަށްޓައި، އަދި 967 ރައްޔިތުން، މާކުރަތަށް ދަތުރު ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.