ސުޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ދިރާސާ ކުރާ އިގްތިސާދީ ކޮމެޓީގެ ބައްދަލުވުންތައް ހުކުރު ދުވަހު ފިޔަވައި ހުރިހާ ދުވަހަކު ބޭއްވުމަށް އެ ކޮމެޓީގެ އަގުލަބިއްޔަތުން މިއަދު ފާސްކޮށްފި އެވެ.

ކޮމެޓީން މިއަދު ފާސްކުރި ނިންމުމުގައި ބުނެފައި ވަނީ އިގްތިސާދީ ކޮމެޓީއަށް ހުށަހަޅާފައިވާ ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސް ކުރުމަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހު ކޮމެޓީ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާޒު ކޮމެޓިގެ މުގައްރިރަށް ދިނުމަށެވެ. އެ ނޫން ގޮތަށް ބިލަކާ މެދު އަމަލު ކުރުމަށް ކޮމެޓީން ފާސްކުރުމެއް ފާސްކޮށްފައިވާ ނަމަ އެ ނިންމުމެއް ބާތިލު ކުރުމަށް މިއަދު ކޮމެޓީން ފާސްކުރި ނިންމުމުގައިވެ އެވެ.

އެގޮތަށް ފާސްކުރީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އަމީތު ހުށަހަޅުއްވައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހުސައިން މަނިކު ދޮންމަނި ތާއިދު ކުރެއްވި ހުށަހެޅުމަށް ޕީޕީއެމާއި އެމްޑީއޭގެ ފަސް މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ. އަށް މެމްބަރުން ހާޒިރުވި ކޮމެޓީގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. ކޮމެޓީގެ މުގައްރިރު އަބްދުﷲ ޚަލީލަށް ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވެ އެވެ. މުގައްރިރަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ ކޮމެޓީގައި ނަގާ ވޯޓު އެއްވަރުވާ ހާލަތްތަކުގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެސްއީޒެޑްގެ ބިލުގެ މަސައްކަތް އިގްތިސާދީ ކޮމެޓީގައި ކުރިއަށް ދަނިކޮށް، އެމްޑީޕީ އާއި ޖޭޕީ އިން ވަނީ އެ ކޮމެޓީ ބޮއިކޮޓްކޮށްފަ އެވެ. އެސްއީޒެޑް ބިލާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ބޭފުޅުން ހާޒިރު ކުރުމަށް ޕީޕީއެމްގެ މެމްބަރުންނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުކޮށް، އެމްޑީޕީ އާއި ޖޭޕީން ރޭ އެއްބަސްވެފައި ވަނީ އަލުން ކޮމެޓީގެ މަސައްކަތުގައި ބައިވެރިވުމަށެވެ.

ނަމަވެސް މިއަދު ބޭއްވި އިގްތިސާދީ ކޮމެޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

ހުކުރު ދުވަސް ފިޔަވައި، ހަފްތާގެ ހަ ދުވަހު މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ބައްދަލުވުންތައް ގަވާއިދުން ބާއްވާފައެއް ނުވެ އެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ކޮމެޓީތައް ބާއްވާފައިވެ އެވެ. މަޖިލީހުގެ ދާއިމީ ކޮމެޓީތައް އާންމުކޮށް ބާއްވަނީ މަޖިލީހުގެ ރަސްމީ މަސައްކަތް ހިނގާ ދުވަސްތައް ކަމަށްވާ، ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު އެވެ.