ދަވްޙާ (އޮގަސްޓް 17) : ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނާއި ގަތްލުއާންމުތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ސިއްޙީ ޚިދްމަތާއި އިންސާނީ އަސާސީ އެހީ ފޯރުކޮށްދިނުމަށް 23 މިލިޔަން ޑޮލަރު ދީފިކަމަށް ގަތަރުން ބުނެފި އެވެ.

ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ގަތަރު ސަރުކާރުން އެކުލަވާލާފައިވާ ކޮމިޓީން ބުނީ އެކޮމިޓީން މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި މެޝިނަރީ ފަދަ ސާމާނުތައް ފޯރުކޮށްދިނުމަށް ކަމުގަ އެވެ. މީގެ އިތުރުން އިސްރާއީލުން ގެދޮރު ހަލާކުކޮށްލުމުގެ ސަބަބުން މަގުމަތިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށާއި މަރާމާތު ކުރެވޭ ފަދަ ތަންތަން މަރާމާތު ކުރުމަށާއި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އަންނައުނާއި ސާފުބޯފެން ފޯރުކޮށްދިނުމަށް ވެސް އެތައް މިލިޔަން ޑޮލަރެއް ޚަރަދު ކުރަމުން ގެންދާނެ ކަމަށާއި އެކަމަށް މަސައްކަތްކުރާ ގަތަރު ސަރުކާރުގެ ޚާއްސަ އޮފީހެއް ޣައްޒާގައި ހުންނާނެ ކަމަށް ވެސް އެކޮމިޓީން ބުނެ އެވެ.

ގަތަރު ސަރުކާރުން ވަނީ ޣައްޒާގައި ކަނޑުގެ ބަނދަރެއް ބިނާކުރުމަށް އެއްބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ތައްޔާރަށް އޮތްކަން ވެސް ހާމަކޮށްފަ އެވެ. ނަމަވެސް އިސްރާއީލު ގެންދަނީ މިފުރްސަތު ޣައްޒާގެ ރައްޔިތުންނަށް ދިނުމަށް ދެކޮޅުހަދައި ޙިސާރުގެ ފިޔަވަޅުތައް ދަމަހައްޓަމުންނެވެ. ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސައޫދީ ސަރުކާރުން ވެސް ވަނީ 30 މިލިޔަން ޑޮލަރުގެ އެހީއެއް ވެދީފަ އެވެ. އަދި ތުރުކީއާއި އީރާނާއި ތޫނިސްއާއި މެލޭޝިޔާއާއި އިންޑޮނީޝިޔާއާއި ކުވައިތާއި ޔޫއޭއީ އިން ވެސް ގެންދަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓް މެދުވެރިކޮށްގެންނާއި އެހީ ދޭ މުއައްސަސާތައް މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ބޭހާއި ކާބޯތަކެއްޗާއި އެނޫން ވެސް އިންސާނީ އެހީގެ ބާވަތްތައް ފޮނުވަމުންނެވެ. ނަމަވެސް މިސްރުގެ ރަފްހު ކްރޮސިން ހުރަސްކޮށް މިއެހީތައް ޣައްޒާ އަށް އެތެރެކުރުމަށް ބޮޑެތި ހުރަސްތަކެއް މިސްރުން ކުރިމަތި ކުރަމުންގެން ދާތީ އެތައް ސަތޭކަ ޓަނެއްގެ އެހީގެ ތަކެތި ޣައްޒާއަށް އެތެރެނުވެ ރަފްހު ކްރޮސިންގައި ތާށިވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (އަލްޖަޒީރާ)