އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުގެ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް ހަރުދަނާ ކުރުމަށް މެލޭޝިއަން އެންޓި ކޮރަޕްޝަން އެކަޑަމީ (އެމްއޭސީއޭ) އާ ގުޅިގެން ވޯކްޝޮޕެއް ފަށައިފި އެވެ.

އޭސީސީ އިން ބުނީ މިއަދު ފެއްޓި ވޯކްޝޮޕްގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހި ރާއްޖޭގައި ކުށްކުރާ މީހުންނާއި ކޮރަޕްޝަންގެ ބޮޑަތި ކުށްތައް ކުރާ މީހުން ހޯދައި އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާ ތަހުގީގު ޓީމަށް އެކަށީގެންވާ ތަމްރީނު ދިނުން ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް އެފަދަ ތަމްރީންތައް އޭސީސީގެ މުއައްޒަފުންނަށް ލިބިފައިވުން މުހިންމު ކަމަށް އޭސީސީ އިން ބުންޏެވެ.

ވޯކްޝޮޕް ފެށުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، ތަމްރީނުގެ ސަބަބުން އެ ކޮމިޝަންގެ މުއައްޒަފުންގެ އިންވެސްޓިގޭޝަން ސުކިލް ނުވަތަ ޕްރިވެންޝަން ސުކިލް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި މުއައްޒަފުންނަށްދޭ ތަމްރީނުގެ އިތުރުން ކޮމިޝަންގެ މަސައްކަތް ހަރުދަނާ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެންގެ މުއައްޒަފުންނަށް ޓްރެއިނިން ދިނުން ނޫނީ އެވެއާނެސް ޕްރޮގްރާމްތައް ހިންގުން ނޫންކަމެއް ކުރެވިފައެއް ނެތް. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ޕްރިވެންޝަން ވަކި ބައެއްގެ ގޮތުގައި ހިންގުމަށް ރާވާފައި އޮތީ. އެގޮތުން ހުށައެޅޭ މައްސަލަތައް މަދުކުރުމަށް ޓަކައި ރިސްކް އެސެސްމަންޓް ހެދުން ފަދަ ކަންކަން ކުރިއަށް ގެންދާނަން،" ލުތުފީ ވިދާޅުވި އެވެ.

އެމްއޭސީއޭގެ ސީނިއާ އެސެސްމެންޓް ކޮމިޝަނަރު އަބްދުލް ރައްޒާގް ބިން ހަމްޒާ ވިދާޅުވީ، ދެ ފަރާތް ގުޅިގެން އެފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ކޮރަޕްޝަން ހުއްޓުވުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި މިއަދު ފެށި ތަމްރީންގެ ސަބަބުން ކޮރަޕްޝަންގެ ކުށްތައް ތަހުގީގުކުރާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަފްތާއެއްގެ މުއްދަތަކަށް ބަހާލައިގެންނެވެ.