17 Aug 2014, 10:40
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ގާސިމް ފުލުހުންނަށާއި އެމްއެންޑީއެފްގެ އިތުރަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ފާޑުފާޑު ވާހަކަ މީޑިއާގައި ދައްކަންޏާ ފުރާނަ ދުއްވާލާނަން" ކަމަށް ބުނެ ރާއްޖޭގެ މޮބައިލް ނަންބަރަކުން މިދިޔަ ހޯމަ ދުވަހު އެމަނިކުފާނަށް އެސްއެމްއެސް ފޮނުވާފައިވާ ކަމަށެވެ. އަދި ގޮތްނޭނގޭ ޕްރައިވެޓް ނަންބަރަކުން ފޮނުވި މެސެޖުގައި "ކަލޭ އާއި ކަލޭގެ އާއިލާ މާލެއިން ފޮހެލާނަން" ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ގާސިމް ވިދާޅުވެފައި ވަނީ އިންޒާރުގެ އެސްއެމްއެސް ފޮނުވި ނަންބަރަށް އެމަނިކުފާނު ގުޅުއްވުމުން އެއީ އެފަރާތުން ދެނެހުރި ކަމެއް ނޫން ކަމަށާއި އެއީ ޑުޕްލިކޭޓް އެސްއެމްއެސް ފޮނުވާ ސޮފްޓުވެއާއަކުން ފޮނުވާފައިވާ އެސްއެމްއެސްއެއް ކަމަށް ބުނެފައިވާ ކަމަށެވެ.
އިންޒާރުގެ މެސެޖުތައް ފޮނުވަނީ ރައްޔިތުންގެ މަޖިލީހުގައްޔާއި މީޑިއާގައްޔާއި އަދި އެނޫން ވެސް ގޮތްގޮތުން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާ ކުރިއެރުމަށް ޓަކައި ގާސިމް ކުރައްވާ މަސައްކަތާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު ރާވައިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވީމާ، މިއީ އަޅުގަނޑުގެ ދިރިއުޅުމަށާއި ފުރާނަ އަށް ނުރައްކާވާ ޒާތުގެ ކަމެއްކަމުގައި ދެކޭތީވެ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދެއްވުން އެދި ދެންނެވީމެވެ،" އަދި އަޅުގަނޑު ފޯނަށް ލިބިފައިވާ މި ދެންނެވި ދެ އެސްއެމްއެސްގެ ސްކްރީން ޝޮޓް ޕްރިންޓް މަނިކުފާނުގެ މައުލޫމާތަށް ޓަކައި މި ސިޓީއާ އެކު ހުށަހެޅީމެވެ،" ކޮމިޝަނާ އޮފް ޕޮލިސް އަށް އެޑްރެސް ކުރައްވައި ގާސިމް ފޮނުއްވި ސިޓީގައިވެ އެވެ.
މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ އެކި ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް އިންޒާރުގެ މެސެޖުތައް ފޮނުވާކަން ފާހަގަކުރެވެ އެވެ.