17 Aug 2014, 10:26
މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސުކީމް (އެމްއާރްޕީއެސް) ފަންޑުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ނަގާ އެޑްމިނިސްޓްރޭޝަން ފީ އަންނަ އަހަރުން ފެށިގެން ކުޑަކުރުމަށް ޕެންޝަން އޮފީހުން ނިންމައިފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި ޕެންޝަން ސުކީމުގެ ބައިވެރިންގެ އަތުން އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ނަގަމުންއައީ ކޮންމެ އަހަރަކު ބައިވެރިއެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ޖުމްލަ އަދަދުގެ އެއް ޕަސެންޓް ކަމަށެވެ. ނަމަވެސް އެ އަދަދު 0.9 ޕަސެންޓަށް ކުޑަ ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން މިހާރު ވަނީ ނިންމާފައި ކަމަށެވެ.
"ޕެންޝަން ސުކީމް ފެށުނީއްސުރެ ބުނަމުން ގެންދިޔައީ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގާ މިންވަރު މުރާޖައާާ ކުރަމުންދާނެ ކަމަށް. މިގޮތުން މި ފީއަކީ މިހާރު ވެސް އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަމުން އަންނަ ފީއެއް،" ސުޖާއު ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ގާއިމްކޮށްފައިވާ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސުކީމަކީ މި ސުކީމުގެ ބައިވެރިންގެ އަތުން މެނޭޖްމަންޓް ފީއެއް ނަގައިގެން ހިންގާ ގޮތަށް ހަމަޖެހިފައިވާ ސުކީމެކެވެ.
ޕެންޝަން އޮފީހުން ބުނީ އެޑްމިނިސްޓްރޭޝަން ފީއަކީ އެ އޮފީސް ހިންގުމަށާއި ކަސްޓޯޑިއަންގެ ފީއަށާއި އަދި މި ސުކީމް ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމަށް ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސުމަށްް ނެގޭ ފީއެއް ކަމަށެވެ.