އިސްލާމް އާބާދު (އޮގަސްޓް 17): ޕާކިސްތާނުގެ އިސްލާމް އާބާދުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް އެތައް ހާސްބަޔަކު އެއްވެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފުގެ އިސްތިއުފާއަށް ގޮވާލަމުން އެބަގެންދެ އެވެ.

އިސްލާމް އާބާދުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މިއިޙްތިޖާޖްތަކުގައި ބައިވެރިވާ އެތަށް ހާސްބަޔަކު ގޮވާލަމުން ގެންދަނީ ބޮޑުވަޒީރުކަމުން ނަވާޒް ޝަރީފު އިސްތިއުފާ ދެއްވުމަށާއި އޭނާ އިސްތިއުފާ ނުދެއްވަނީސް އިހްތިޖާޖްތައް ހުއްޓާނުލާނެ ކަމުގަ އެވެ. މިއިހްތިޖާޖްތަކަކީ ނަވާޒް ޝަރީފުގެ ޒަޢާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސިޔާސީ ގޮންޖެހުން ކަމަށް މުރާސިލުން ސިފަކުރެ އެވެ.

ނަވާޒް ޝަރީފުގެ އިސްތިއުފާއަށް ގޮވާލައި އިސްލާމް އާބާދުގައި ކުރަމުންގެންދާ އިޙްތިޖާޖްތަކުގައި އިސްދައުރެއް އަދާކުރައް ވަނީ ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އަދި މިހާރުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ އިމްރާން ޚާންއާއި ދީނީ އިލްމުވެރިއެއް ކަމަށްވާ ތާހިރުލްގާދިރީ އެވެ. މިއިހްތިޖާޖްތައް ފުރަތަމަ ފަށާފައި ވަނީ ޕާކިސްތާނުގެ ޕަންޖާބުންނެވެ. އެއަށް ފަހު އިހްތިޖާޖްތަކުގެ ބައިވެރިން އިސްލާމް އާބާދަށް އައިސްފައި ވަނީ ޕަންޖާބުން 300 ވަރަކަށް ކިލޯ މީޓަރު ކަޑައްތު ކުރުމަށްފަހުގަ އެވެ.

އިމްރާން ޚާންގެ "ތަހްރީކޭ އިންސާފު" ޕާޓީއަކީ ޕާކިސްތާނުގައި ތިންވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ދީނީ އިލްމުވެރިއެއް ކަމަށްވާ ތާހިރުލްގާދިރީއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ ސަބަބުން ޢާންމު ރައްޔިތުންގެ ތާއީދާއި އިހްތިރާމް ވަރަށް ބޮޑަށް ލިބިވަޑައިގެން ހުންނެވި އަދި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތާ ވެސް އިދިކޮޅު ޝަޚްސިއްޔަތެކެވެ. އޭނާއަކީ ޕާކިސްތާނީ އަވާމީ ތަހްރީކް ޕާޓީގެ ޗެއަމަން ވެސްމެ އެވެ.

މިދެބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ނަވާޒް ޝަރީފުގެ ސަރުކާރު މުޅިން ފޭލްވެއްޖެ ކަމަށާއި ޝަރީފުގެ ކުރިމަތީގައި އޮތް ހަމައެކަނި ޙައްލަކީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަވަސް އިންތިޚާބެއްބޭއްވުމަށް މަގުފަހިކުރުން ކަމުގަ އެވެ. ނަމަވެސް ޝަރީފު ގެންދަވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެ އިމްރާން ޚާނަށާއި ގާދިރީއަށް ފާޅުގައި ގޮންޖައްސަވަމުންނެވެ.

އެހެންކަމުން ނަވާޒް ޝަރީފުގެ އެއްއަހަރުވީ ވެރިކަމުގައި ހަމަނުޖެހުންތަކެއްގެ ތެރެއަށް ޕާކިސްތާން ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރުވަނީ ހީވެފަ އެވެ. މިދިޔަ އަހަރުގެ މޭމަހު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބު ނަވާޒް ޝަރީފުގެ ޕާޓީން ކާމިޔާބުކުރީ ބޮޑެތި އޮޅުވާލުންތަކަކާއި މަކަރު ހެދުންތަކެއްގެ ތެރެއިން ކަމަށް އިމްރާންޚާން ތުހުމަތު ކުރައްވަ އެވެ. މިތުހުމަތުތަކަށް ރައްދު ދެއްވަމުން ނަވާޒް ޝަރީފު ވަނީ އެންމެ ފަހުން ޕާކިސްތާނުގައި ބޭއްވި އިންތިޚާބަކީ ސައްޙަ އިންތިޚާބެއްކަން ނުވަތަ ނޫންކަން ބަލައި ތަހްގީގް ކުރުމަށް އެގައުމުގެ ސްޕްރީމް ކޯޓަށް އަމުރުކުރައްވާފަ އެވެ.

ނަވާޒް ޝަރީފު މުސްލިމް ލީގް ޕާޓީގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ރަނާ ސަނަﷲ ވިދާޅުވީ ނަވާޒް ޝަރީފު ބޮޑުވަޒީރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އިންތިޚާބަކީ ސައްޙަ އިންތިޚާބެއްކަން ނުވަތަ ނޫންކަން ބެލުމަށް ޝަރީފުގެ ސަރުކާރުން އޮތީ ތައްޔާރަށް ކަމުގަ އެވެ. ނަމަވެސް މަގު މަތީގައި އިޙްތިޖާޖް ކޮށްގެން ޝަރީފުގެ ސަރުކާރު ވައްޓާނުލެވޭނެ ކަމުގެ އިންޒާރު ރަނާ ސަނަﷲ ދެއްވި އެވެ. އަދި މިދިޔަ އަހަރުގެ އިންތިޚާބަކީ މިހާތަނަށް ޕާކިސްތާނުގައި ބޭއްވި އެންމެ ނަޒާހަތްތެރި އަދި ދެފުށްފެންނަ އިންތިޚާބު ކަމަށް އިންތިޚާބުގެ ކަންތައްތައް ބަލައި އޮބްޒާވްކުރި ބައިނަލްއަގްވާމީ ފަރާތްތަކުންވަނީ ސިފަކޮށްފަ އެވެ.

މިދިޔަ އަހަރުގެ މޭމަހު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ ނަވާޒް ޝަރީފުގެ މުސްލިމް ލީގް ޕާޓީންނެވެ. އެހެންކަމުން އެޕާޓީން ވެރިކަން ކުރަމުން ގެންދަނީ ކޯލިޝަނަކާނުލައި އަމިއްލައަށެވެ. (ރޮއިޓާސް)