ތ. ވޭމަންޑޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ސ. ހިތަދޫ ރަތްވިލާ ދޯދި، އަބްދުލް ބާސިތު އަބްދުﷲ ޒުބެއިރުގެ މަރުގެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގުކުރަން ފަށައިފި އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު މަރުވި ބާސިތުގެ މައްސަލަ އެއްވެސް ފަރާތަކުން ކޮމިޝަނަށް ހުށަހަޅާފައިނުވާ ނަމަވެސް، އެކަން ހިނގި ދުވަހު ފުލުހުން އިންޓަގްރިޓީ ކޮމިޝަނަށް ބާސިތު މަރުވިކަން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން، އެ ދުވަހުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށް ޝަހިންދާ ވިދާޅުވި އެވެ.
" ފުލުހުން އެންގެވި ހުކުރު ދުވަހު ހެނދުނު. އަންގަވައިގެން ކޮމިޝަނުގެ ނައިބު ރައީސް އާއި ކޮމިޝަނުގެ މެމްބަރު ނަދީމް ވަޑައިގެން އެ މައްސަލަ ބަލަމުންދަނީ،" ޝަހިންދާ ވިދާޅުވި އެވެ.

ވޭމަންޑޫ ހޮސްޕިޓަލު ތެރޭގައި މަސްތުވާތަކެތީ ބޭނުންކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްގެން ގެންދިޔަ ދެމީހުންގެ ތެރޭގައި ހިމެނޭ ބާސިތު 20، މަރުވުމާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވަނީ އޭނާގެ އާއިލާއިން ބޭނުންވި ގޮތަށް ކަމަށް ފުލުހުންގެ ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމް މިއަދު ވިދާޅުވި އެވެ.

އެގޮތުން އާއިލާއިން ބޭނުން ވެގެން ބާސިތުގެ ހަށިގަނޑު ހިތަދޫއަށް ގެންދިއުމަށް ފަހު އިއްޔެ ފަތިހު ވަޅުލާފައިވާ ކަމަށާއި ޕޯސްޓް މޯޓަޕް ނުހަދައި ވަޅުލާފައިވަނީ އާއިލާ އިން ބޭނުންގެން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންތައް ކުރީ އާއިލާއިން ބޭނުންވި ގޮތަށް. ޕޯސްޓް މޯޓަމް ހެދުމުގެ އޮޕްޝަން ވެސް އޮތް،" ޝިޔާމް ވިދާޅުވި އެވެ.

ބާސިތުގެ ހަށިގަނޑު ވަޅުލުމަށް ހިތަދޫއަށް ގެންދިޔަ ވަގުތު، ބަޔެއް މީހުން ވަނީ ހަމަނުޖެހުން ހިންގައި، އޭނާގެ ހަށިގަނޑާ ހަވާލުވެ ތިބި ބައެއް ފުލުހުންގެ ވެހިކަލްތަކަށް ގަލާއި، ވެލި އުކައި އެކިވަރުގެ ހަމަލާ ތައް ދީފަ އެވެ. އަދި ފުލުހެއްގެ ގޭގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅާލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހިމެނެ އެވެ.

ބާސިތު މަރުވެފައިވާކަން ވޭމަންޑޫ ހޮސްޕިޓަލުން ކަށަވަރުކޮށްދިނީ ހުކުރު ދުވަހު ހެނދުނު 8:45 ގައި ކަމަށް ވީ ނަމަވެސް، އޭނާގެ ހަށިގަނޑު ބެއްލެވި ވޭމަންޑޫ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެފައިވަނީ ހޮސްޕިޓަލަށް ގެނައުމުގެ ތިން ގަޑިއިރެއްހާއިރު ކުރިން އޭނާ މަރުވެފައިވާ ކަމަށެވެ. ބާސިތުގެ ހަށިގަނޑުން އެއްވެސް އަނިޔާއެއްގެ އަސަރު ފެންނަން ނެތް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެތީގެ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށް، ބާސިތާއެކު އެއް ގޮޅިއެއްގައި ބަންދުކޮށްފައި ހުރި ސ.ހިތަދޫއަށް ނިސްބަތްވާ އިތުރު މީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޝިޔާމް ވިދާޅުވީ، ބާސިތުގެ އާއިލާއިން ބޭނުންވާ ނަމަ ހަމަޖެހިފައި އޮންނަ އުސޫލެއްގެ ދަށުން އެމީހާއާ ބައްދަލުކޮށް، ކަން ހިނގާދިޔަ ގޮތް ބެލުމުގެ ފުރުސަތު އާއިލާ އަށް އެބަ އޮތް ކަމަށެވެ.
ނަމަވެސް، އާއިލާގެ ފަރާތުން މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމުގައި ބާސިތުގެ ބައްޕަ ވަނީ ބުނެފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ބާސިތުގެ އާއިލާ މީހަކު ބުނެފައިވަނީ، ބާސިތު މަރުވި ޚަބަރު މިދިޔަ ހުކުރު ދުވަހު އާއިލާ އަށް ލިބިފައިވަނީ އެދުވަހު ބާސިތު ރަށަށް އައުމަށް ހަމަޖެހިފައި ވަނިކޮށް ކަމަށެވެ. އަދި ބާސިތު މަރުވުމާ ގުޅިގެން އޭނާގެ އާއިލާ ވަނީ ފުން ހިތާމައެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ބާސިތު ކުރިން މަސްތުވާތަކެތި ބޭނުންކުރި ނަމަވެސް، އޭނާ މަރުވީ ރަނގަޅަށް އުޅެން ފަށައިފަ ވަނިކޮށް ކަމަށް ވެސް އެމީހާ ބުންޏެވެ.