ތަރައްގީވަމުން އަންނަ ގައުމުތަކުގެ މަސްލަހަތުތައް ރައްކާތެރި ކުރުމަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ގައްޔޫމާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވި ކަމަށް އެގައުމުގެ ސިންހުއައި ނިއުސް އެޖެންސީން ބުނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އޮތް މަގާމް ޗައިނާ އަށް އިނގޭ ކަމަށެވެ. އަދި ރާއްޖެއާ އެކު ކޯޑިނޭޝަން ރަނގަޅުކޮށް، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ މަސްލަހަތުތައް ރައްކާތެރިކުރަން މަސައްކަތް ކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށް ވެސް ޒީ ވިދާޅުވި ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ޒީވަނީ ތައުރީފުކުރައްވާފަ އެވެ. އެގޮތުން އެއީ ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކާ ދެމެދު ހަމަ ކަމާ އެކު އޮންނަ އެކުވެރިކަމުގެ މިސާލީ ގުޅުމެއް ކަމަށެވެ.

ބައްދަލުވުމުގައި ރައީސް ޔާމީނު ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށް ވެސް ސިންހުއައި ނިއުސްއެޖެންސީން ބުންޏެވެ.

ރައީސް އަދި ވިދާޅުވެފައި ވަނީ ބައިނަލް އަގުވާމީ އަދި ސަރަހައްދީ ކަންކަމުގައި ޗައިނާއާ ގުޅިގެން މަސައްކަތް ކުރަން ރާއްޖެ ތައްޔާރަށް އޮތް ކަމަށެވެ.