ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބައެއް ވިޔަފާރި ކުންފުނިތަކާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ޔާމީން ބައްދަލުކުރެއްވި ބައެއް ފަރާތްތަކުގެ ތެރޭގައި، ޖިއާންގސޫ ޕްރޮވިންސްގެ ޓްރާންޕޯޓޭޝަން އިންޖިނިއަރިން ގްރޫޕާއި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނާއި، ހުއާވެއި ޓެކްނޮލޮޖީސް ކޯޕަރޭޝަންގެ އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

އެމަނިކުފާނު ހުންނަވާ ހޮޓަލުގައި ވަކިވަކިން އިއްޔެ މެންދުރުފަހު ބޭއްވެވި އެ ބައްދަލުކުރެއްވުންތަކުގައި ރައީސް ޔާމީން ވަނީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ބައިވެރިވުމަށް ޗައިނާގެ ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި އެފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ޗައިނާގެ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި ހަރަކާތްތެރިވާ ޓްރެވަލް އޭޖެންސީއެއް ކަމުގައިވާ 'ތޫނިއާ' ގެ އިސްފަރާތްތަކާ ވެސް ރައީސް ޔާމީން ބައްދަލު ކުރެއްވިއެވެ. އަދި ތޫނިއާގެ ފަރާތުން އިންތިޒާމް ކުރި މެންދުރުގެ ފަރިއްކޮޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔަމީން ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ރާއްޖޭގެ ވަފުދުގެ ބޭފުޅުންގެ ތެރޭގައި ހާރިޖީ ވަޒީރު ދުންޔާ މައުމޫނާއި، ފަތުރުވެރިކަމާބެހޭ ވަޒީރު އަހްމަދު އަދީބާއި، އިގްތިސާދާބެހޭ ވަޒީރު މުހައްމަދު ސައީދާއި، ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލްގެ އިތުރުން ރައީސް އޮފީހުގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފު ހިމެނިވަޑައިގަންނަވަ އެވެ.