17 Aug 2014, 00:33
އިގްތިސޯދީ ޚާއްސަ ޒޯންތަކެއް ހެދުމަށް ސަރުކާރުން އުޅެނީ އެ ތަންތަނުން ދައުލަތަށް އެއްވެސް ޓެކުހެއް ނުލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، ސަރުކާރުން އުޅެނީ ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭގޮތަށް އިގްތިސޯދީ ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި ބަޔަކާ ހަވާލުކުރުމަށް ކަމަށާއި އެއީ އެއްވެސް ގައުމެއްގައި އެކަންކުރާ އުސޫލެއް ނޫން ކަމަށެވެ.
"މިގޮތަކަށް ޒޯން ހެދި އެއްވެސް ގައުމެއް ނޯންނާނެ. ދައުލަތަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަކަށް ދައުލަތުގެ ބިމަށް އެއްވެސް އެއްޗެއް ނުލިބޭގޮތަށް ޒޯނެއް ހެދި ހަމަ އެއްގައުމެއް ވެސް ނޯންނާނެ. ޗައިނާ ވިޔަސް އިންޑިއާ ވިޔަސް އިނގިރޭސި ވިލާތް ވިޔަސް އަދި އެހެން ގައުމެއް ވިޔަސް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމުގެ ބިލަށް އެމްޑީޕީން ދެކޮޅު ހަދަނީ އަންނަން އޮތް ޖީލުތަކާއި ވިޔަފާރިވެރިންގެ ހައްގުގައި ކަމަށެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިކަމުގައި ވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެ ބިލްގައި މައްސަލަތަކެއް ހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެ ބިލާ މެދު އެމްޑީޕީން ކަންބޮޑުވާ ފަސް ކަމެއް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"އަޅުނގަނޑު މި ދަންނަވަނީ ފުރަތަމަ މައްސަލަ، ރާއްޖޭގައި އޮތް އެންމެ ބޮޑު އިގްތިސޯދު ޓުވަރިޒަމް ނުހިމަނާ ތި ޒޯނެއް ހައްދަވާށޭ. ދެވަނަ މައްސަލަ، ދިވެހި ދައުލަތަށް ކޮންމެވެސް އެއްޗެއް ލިބޭގޮތަށް ތި އެކޮނޮމިކް ޒޯން ހައްދަވާށޭ. ތިންވަނައަށް ދިވެހިރާއްޖޭގެ ގާނޫނުގެ ބާރު ހިނގާގޮތަށް، ދިވެހި ފުލުހުންނާއި ސިފައިންގެ ބާރު ހިނގާގޮތަށް ތި ޒޯން ހައްދަވާށޭ. ހަތަރު ވަނައަށް އަޅުގަނޑު މިދަންނަވަނީ ރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު ހިނގާ ގޮތަށް ތިބޭފުޅުން އިކޮނޮމިކް ޒޯން ހައްދަވާށޭ. ހަވަނައަށް އަޅުގަނޑު މިދަންނަވަނީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ގާނޫނު ފުނޑުފުނޑުވާ ގޮތަށް ތި އެކޮނޮމިކް ޒޯން ނަހައްދަވާށޭ،" ޝަރީފް ވިދާޅުވި އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ޕީޕީއެމް އިން މިއަދު ވަނީ ރައްދުދީފަ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެސްއީޒެޑް ބިލާ ދެކޮޅަށް ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ.
ނިހާން ވިދާޅުވީ، އެ ބިލުގެ ސަބަބުން ދިވެހީންގެ މިނިވަން ކަމާއި އިސްތިގުލާލަށާއި އަދި ދީނަށް ބުރޫ އަރާނެ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ދެއްކިފައި ނުވާ ކަމަށެވެ.