ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ޖާނަލިސްޓު އަހްމަދު ރިލްވާން، ހުޅުމާލެއަށް ދިއުމަށްޓަކައި މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލުން ޓިކެޓު ނަގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިނިވަން ނޫހުން އާންމުކޮށްފި އެވެ.

މިނިވަން ނޫހުން އާންމުކޮށްފައިވާ އެ ވީޑިއޯ އިން، މި މަހުގެ 7 ވަނަ ދުވަހުގެ ރޭ މެންދަމު 12:45 އެހައިކަންހާއިރު ހުޅުމާލޭ ފެރީޓާމިނަލުން އޭނާ ޓިކެޓުނަގާ މަންޒަރު ފެނެއެވެ. އެވަގުތު އޭނާ ހުރީ ކަޅުކުލައިގެ ފަޓުލޫނަކާއި ޓީޝާޓެއް ލައިގެނެވެ. އަދި އެވަގުތު އޭނާ ހުރީ ކަޅު ކުލައިގެ ދަބަހެއް ވެސް އަޅައިގެންނެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޓިކެޓު ނެގުމަށްފަހު އޭނާ ދަނީ ފެރީ ޓާމިނަލްގައި ހަދާފައިވާ ފާހާނާ ބަރިއާ ދިމާ އަށެވެ.


މިނިވަން ނޫހުން ބުނީ ފެރީއަށް އެރުމަށްފަހު އެރޭ 1:02 ގައި ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އެފެރީން އޭނާއަށް ފެނުނު ކަމަށް ބުނެ ރިލްވާން ޓްވީޓުކޮށްފައިވާ ކަމަށެވެ. އަދި ފެރީޓާމިނަލަށް ދިޔުމުގެ ކުރިން އަލިމަސްއުފާ ކާނިވަލުތެރޭގައި އޭނާގެ ސައިކަލް ޕާކުކޮށްފައިވާ ކަމަށް ވެސް މިނިވަން ނޫހުން ބުންޏެވެ. އެހެންކަމުން އެކަންތައްތަކަށް ބަލާއިރު އޭނާ ހުޅުމާލެއަށް ދިޔުމަށް ފެރީއަށް އެރިކަމަށް ލަފާ ކުރެވޭ ކަމަށް އެ ނޫހުން ބުންޏެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް ނުވަ ދުވަސް ވެފައިވާއިރު، އޭނާގެ ސައިކަލް އަދިވެސް ހުރީ ކާނިވަލުގައި ޕާކުކޮށްފައި ކަމަށް ވެސް މިނިވަން ނޫހުން ބުންޏެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓު (އައިއެފްޖޭ) އިން ވަނީ އޭނާ ހޯދުމަށް ކުރަމުން އަންނަ ތަހުގީގު ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ގޮވާލާފައެވެ.