16 Aug 2014, 21:56
ޗައިނާގެ ކުންފުނިތަކުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ބައިވެރި ވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ދައުވަތު ދެއްވައިފި އެވެ.
މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޒީ ޖިންޕިންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީނު ވިދާޅުވި ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުނީ ޓޫރިޒަމާއި އިންފްރާސްޓްރަކްޗާ ބިނާކުރުމާއި ޒުވާނުންގެ ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާގެ ކުންފުނިތައް ބައިވެރިވުމަކީ ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.
އިގްތިސާދާއި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ވުމުގެ އެއްބަސް ވުމެއް ހިމެނޭ ގޮތުން ރާއްޖެއާ ޗައިނާ އާ ދެމެދު ވެވޭ އެއްބަސްވުންތަކެއްގައި ދެބޭފުޅުން ސޮއިކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ދެބޭފުޅުންގެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޒީ ވަނީ 21 ވަނަ ގަރުނުގެ ކަނޑުގެ ސިލްކް ރޯޑް ބިނާކުރުމުގެ މަޝްރޫއުގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ދެއްވާފައެވެ. އަދި އެ ދައުވަތު ގަބޫލުކުރައްވާ ކަމަށް ރައީސް ޔާމީނު ވަނީ ވިދާޅުވެފައެވެ.
ވެވަޑައިގެންނެވި އެންމެ އަވަސް ފުރުސަތެއްގައި ޗައިނާގެ ރައީސް ޒީ ރާއްޖެއަށް ވަޑައިގެންނެވުމަށް ވެސް ރައީސް ޔާމީނު ވަނީ ދައުވަތު ދެއްވާފައެވެ.
ރައީސް ޔާމީނު މިހާރު ޗައިނާއަށް ވަޑައިގެން ހުންނެވީ އެގައުމުގެ ރައީސް ދެއްވި ދައުވަތަކަށެވެ.