16 Aug 2014, 21:46
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފި އެވެ.
ޔޫތު އޮލިމްޕިކްސް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ނަންޖިންގް ސިޓީގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޖިންޕިން، ރައީސް ޔާމީނަށް ހޫނު މަރުހަބާއެށް ދެންނެވި އިރު، ރައީސް ޔާމީން ވަނީ ރާއްޖޭގެ ވަފުދަށް ޗައިނާއިން ބެހެއްޓި ގާތްކަމަށްޓަކައި އެ ގައުމުގެ ރައީސަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިއަދު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ދެ މެދުގައި އޮތް ތާރީހީ ގުޅުމަށް ރައީސް ޔާމީން އަލިއަޅުވައިލެއްވި އިރު، އެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމާއި، އިގްތިޞާދު ތަރައްގީކޮށް ފުޅާކުރުމާއި، ގައުމީ އެއްބައިވަންތަކަށް ވަރުގަދަ ކުރުމާއި، ޒުވާނުންނަށް ބަހައްޓަވާ އަހައްމިއްޔަތުގެ މުހިންމުކަން ފާހަގަކުރައްވާ ޗައިނާގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވައިފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޖިމްޕިން ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ރާއްޖެއަށް ކުރިއެރުން ގެނެސްދިނުމަށް ޗައިނާގެ ސަރުކާރުން ރާއްޖެއަށް އިގްތިޞާދީ އަދި ޓެކްނިލް އެހީތެރިކަން ދެއްވާނެ ކަމަށެވެ.
މިއަދު ހެނދުނު ބޭއްވެވި ބައްދަލުވުމުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދު ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
ރައީސްއާއެކު މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވި އެވެ.