ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޔުއާން (249 މިލިއަން ރުފިޔާ) ދިނުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވަނީ، ދެގައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކަށް ފަހު، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދުގައި ވެފައިވާ "އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން" އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޔުއާން ދިނުމަށް ނިންމާފައިވާ އެއްބަސްވުމުގައި ސޮއިކުރުން އޮތީ، ނަންޖިން ސިޓީގެ ޕާޕްލް ޕެލަސްގައި ކަމަށެވެ.

ދެގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުށާއި އެކި ކަންކަމުގައި އެއްގައުމުން އަނެއްގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ބައްދަލުވުންތަކަށް ފަހު ޗައިނާ ސަރުކާރުން ވަނީ، ދިވެހި ފުލުހުންނަށް 150 މޮޓޯ ސައިކަލު ދިނުމުގެ އެއްބަސް ވުމެއްގައި ވެސް ސޮއިކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދެ އެއްބަސްވުމުގައި ވެސް ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ކަމަށާއި، ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސް ވުމުގައި ސޮއިކުރެއްވީ އެގައުމުގެ ކޮމާސް މިނިސްޓަރު ގާއޯ ހޫޗެން ކަމަށެވެ.

ޗައިނާ ސަރުކާރުން ރައްޖެއަށް ދިން 100 މިލިއަން ޔުއާންގެ ހިލޭ އެހީ، ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭގައި ހިންގޭ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ނަންޖިން ސިޓީގައި މިއަދު ބޭއްވި ރަސްމީ ވާހަތަފުޅުތަކުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، ފޮރިން މިނިސްޓަރު ދުންޔާގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި، އިކޮނޮމިކް މިނިސްޓަރު ޑރ. މުޙައްމަދު ސަޢީދާއި ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖާމާލާއި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޙުސެއިން (މުންދު) ހިމެނިވަޑައިގަންނަވައެވެ.