16 Aug 2014, 19:04
ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގި ހެލްޕް ގާޒާ ޓެލެތޯންގެ ފަންޑަށް އެކި ފަރާތްތަކުން ދޭން ވައުދުވެފައިވާ ފައިސާ ފަންޑަށް ޖަމާކުރުމަށް ސްޓިއަރިން ކޮމިޓީން މުއްދަތެއް ކަނޑައަޅައިފި އެވެ.
އެކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ (އެކި ފަރާތްތަކުން) ދޭނެ ކަމަށް ބުނެފައިވާ ފައިސާ ދެ ދުވަސް ތެރޭގައި ޖަމާންކޮށް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"...ދިވެހި މީޑިއާގެ ފަރާތުން އިސްނަގައިގެން މި މަހުގެ 8 އަދި 9 ވަނަ ދުވަހު ހިންގި "ހެލްޕް ގާޒާ" ޓެލެތޯން ނިމި ހަފުތާއެއްވީ އިރު މިފަންޑަށް ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެ، މިހާތަނަށް ފައިސާ ނުދައްކައި ހުރި ފަރާތްތަކާއި ފަންޑަށް ފައިސާ ޖަމާކުރެއްވުމަށް ފައިސާ އެއްކުރެއްވި ފަރާތްތަކުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެކައުންޓްތަކަށް ފައިސާ ޖަމާކުރެއްވުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ފަންޑަށް ލިބިފައިވާ ފައިސާ ބޭރުފައިސާ އަށް ބަދަލުކޮށް ވީހާ އަވަހަކަށް ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފައިސާ ޖަމާކުރުމަށް ހުޅުވާފައިވާ އެކައުންޓް ހޯމަ ދުވަހުގެ ބޭންކް ބަންދުވުމުން ބަންދު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
"... ހެލްޕް ގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީން މިހާރު ނިންމާފައި ވަނީ ފަންޑަށް ފައިސާ ދެއްވާނެ ކަމަށް ވައުދުވެ، އަދި މިހާތަނަށް ފައިސާ ނުދައްކަވައި ހުރި ފަރާތްތަކަށާއި މިފަންޑަށް ފައިސާ އެއްކުރެއްވި ފަރާތްތަކަށް އަންނަ އާދީއްތަ އަދި ހޯމަ ( މިމަހުގެ 17 އަދި 18 ) ދެ ދުވަހުގެ ބޭންކް ބަންދުވުމާ ހަމައަށް ފުރުސަތު ދިނުމަށް ފަހު ފަންޑް ކްލޯސް ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ،" ބަޔާނުގައި ވެއެވެ.