16 Aug 2014, 18:57
ޗައިނާގެ ނަންޖިންގައި ބާއްވާ ޔޫތު އޮލިމްޕިކްސް މުބާރާތަށް ހުޅަނގު އެފްރިކާގައި ހުއްޓުމެއްނެތި ފެތުރެމުން އަންނަ އެބޯލާ ވައިރަސްގެ ބިރު އޮތުމާ ގުޅިގެން، ތިން އެތުލީޓަކަށް އެ މުބާރާތުގައި ބައިވެރިނުވެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިއަދު ފެށިގެންދާ މި މުބާރާތުގައި ވާދަކުރާ ލައިބީރިއާ އާއި، ނައިޖީރިއާ އަދި ސިއެރާ ލިއޯންއަށް ވަނީ އެބޯލާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮވެދާނެތީ އެ ގައުމުތަކުގެ ކޮންޓިންޖެންޓަށް ބައިވެރި ނުވެވޭގޮތަށް ނިންމައިފަ އެވެ.
ރާއްޖޭގެ ތިން އެތުލީޓަކު ބައިވެރިވާ މި މުބާރާތުގައި 28 ކުޅިވަރަކުން 15 އާއި 18 އާ ދެމެދު އުމުރުފުރާގެ 3000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ އެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޒީ ޖިންޕިންގާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުގައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ނެރުނު ބަޔާނެއްގައި ބުނީ، ސިއްހީ ގަވާއިދުގައިވާ ގޮތުގެ މަތިން ޔޫތު އޮލިމްޕިކްސް ގޭމްސްގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެބޯލާ ވައިރަސްގެ ނުރައްކާތެރިކަން އޮތް ގައުމުތަކުގެ އެތުލީޓުންނަށް މި މުބާރާތުގައި ބައިވެރި ނުވެވޭގޮތަށް ނިންމާފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ އޮލިމްޕިކްސްގެ މައި އިދާރާއިން ނެރުނު އެ ބަޔާނާ ގުޅިގެން މުބާރާތުގައި ބައިވެރިނުވެވޭ ތިން އެތުލީޓުންނަކީ ގިނީގެ މާޝަލް އާޓްސްގެ ކުޅިވަރެއް ކަމަށްވާ ޖޫޑޯގައި ވާދަކުރާ ގިނީގެ އުމުރުން 16 އަހަރުގެ މަމަޑަމާ ބަންގޫރާ އާއި ސްވިމިންގް އިވެންޓުގައި ވާދަކުރާ އެ ގައުމުގެ އުމުރުން 16 އަހަރުގެ އަލްހުސޭން ސީލާ އަދި ރެސްލިންގް އިވެންޓްގައި ވާދަކުރާ ނައިޖީރިއާގެ އުމުރުން 16 އަހަރުގެ ބޯސް ސަމުއެލް އެވެ.
މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ތިން އެތުލީޓުންނަށް ނަންޖިންގައި ފަހުގެ ތާރީހެއްގައި ބާއްވާ އެހެން ކުޅިވަރު މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ދޭ ގޮތަށް ވެސް އައިއޯސީން ވަނީ ނިންމައިފަ އެވެ.
ޔޫތު އޮލިމްޕިކްސް ގޭމްސްގައި އެބޯލާ ވައިރަސް ފެތުރިދާނެކަމުގެ ބިރު އޮތުމާ ގުޅިގެން މި މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ދަނީ އެތުލީޓުން ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހުޅަނގު އެފްރިކާގައި ފެތުރެމުންދާ އެބޯލާ ވައިރަސްއާ ގުޅިގެން މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ދައްކަ އެވެ.