16 Aug 2014, 18:54
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސުޕެޝަލް އިކްނޮމިކް ޒޯން (އެސްއީޒެޑް) ބިލާ ބެހޭ ގޮތުން ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ދައްކާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަތަކެއް ކަމަށް ސަރުކާރު ހިންގާ ޕީޕީއެެމް އާއި އެމްޑީއޭ އިން ބުނެފި އެވެ.
މިއަދު ހަވީރު ނަސަންދުރާ ޕެލެސްހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެސްއީޒެޑް ބިލާ ދެކޮޅަށް ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ވިދާޅުވީ އިގުތިސާދީ ހާއްސަ ސަރައްދުތަކެއް ކަނޑައެޅުމާ ބެހޭ ބިލުގެ ސަބަބުން ދިވެހިން މިނިވަން ކަމާއި އިސްތިގުލާލަށާއި އަދި ދީނަށް ބުރޫ އަރާނެ އެއްވެސް ކަމެއް އެ ބިލާ ދެ ކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް ދެއްކި ފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓެކްސް މައާފުވުމާ ގުޅޭ ތަފްސީލް އެސްއީޒެޑް ބިލްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް އިކްނޮމިކް ޒޯންބިލުގައި ޓެކްސް މާފު ކުރެވޭނެ ގޮތުގެ ތަފްސީލް ނެތް ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ވާހަކަ ދައްކަވާ އެ ބިލާ ދެކޮޅު ހައްދަވަނީ ސިޔާސީ ބޭނުމަކަށް ކަމަށް ނިހާން ވިދާޅުވި އެވެ.
"ބިލަށް ސިޔާސީ ނަޒަރަކުން އޮނަރަބަލް ގާސިމް އިބްރާހިމް އެ ދެކޮޅު ހައްދަވަނީ ބިލް އެނގިވަޑައިނުގެން ހުންނަވައިއެއް ނޫން. ވަކި ސިޔާސީ ވަކި ހާލަތްތައް އެމަނިކުފާނަށް މަޖޫބޫރުވެވަޑައިގެންނަވަނީ. ނުވަތަ އެހެން ވިދާޅުވަނީ،" ނިހާން ވިދާޅުވި އެވެ.
އެސްއީޒެޓް ބިލް ދިރާސާ ކުރަމުންދާ އިގްތިސާދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެ ބިލްގެ މަސައްކަތް ކޮމެޓީގައި ކުރައްވަމުން ދިޔައީ އެހެން ޕާޓީތަކުގެ މަޝްވަރާތަކާއި އެކުގައި ކަމަށާއި ނަމަވެސް މިހާރު ޖޭޕީ އާއި އެމްޑީޕީ އެ ކޮމެޓީ ބޮއިކޮޓް ކުރުމަށް ފަހު މަސައްކަތްކުރަނީ އެ ބިލާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުމަށް ކަމަށެވެ.
"ވަކި ހިސާބަކުން ކޮމެޓީ ބޮއިކޮޓް ކުރައްވާފައި ވަޑައިގަތީ. އެއަށް ފަހު އަޅުގަނޑުމެނަށް އިވިގެން މިދަނީ ތަފާތު ނޭއްގާނީ ވާހަކަތައް. ބިލާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު. އެ އަށް ފަހު މި ނިކުންނަވަނީ މަގުމައްޗަށް. ބިލަކާ ބެހޭ ގޮތުން މަގުމައްޗަށް ނުކުންނަން ޖެހޭ ސަބަބެއް އަޅުގަނޑުމެނަކަށް ނުވިސްނޭ،" އަމީތް ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ ބިލްގެ ސުރުހީ އިއްވުމަށް ފަހު ހުރިހާ މާއްދާއެއް އެއްކޮށް ފާސްކުރުމުގެ ބާރު ޕީޕީއެމަށް ލިބިފައި އޮތް ނަމަވެސް އެކަން އެ ގޮތަށް ނުކުރީ ސިޔާސީ އެހެން ޕާޓީތަކުގެ މަޝްވަރާއާއެކުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް އެ ބިލް ދިރާސާކުރަމުންދާ ކޮމެޓީ ބައެއް މެމްބަރުން ބޮއިކޮޓް ކުރުމުގެ ބޭނުމަކީ އެ ބިލްގެ ފައިދާ ރައްޔިތުނަށް ލިބިދިނުން ލަސް ކުރުމަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއީ ހިންގާ "ޖަރިމާ"އެއް ކަމަށާއި ކޮމެޓީގެ މަސައްކަތް އެ ނޫން ގޮތަށްކަށް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"މާއްދާއަކުން މާއްދާއަކުން ކުރިއަށް ގެންގޮސް ބިލް ދެބައި ކުޅައި އެއްބައި ނިމުނު ފަހުން މި ސަކަރާތެއް މި ޖެހީ. އަޅުގަނޑަށް ހީވަނީ މި ސަކަރާތެއް މި ޖަހަނީ ރައްޔިތުނަށް މި ހިދުމަތް ލިބުން ލަސްކުރަން ހެން. މިއީ ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށް ވާތީ އަޅުގަނޑުމެނަށް އެހެން ގޮތަކަށް އަމަލުކުރަން ޖެހިދާނެ. މި މަޖިލީހުގެ މެޖޯރިޓީ އެބަ އޮތް ސަރުކާރާ އެއްކޮޅަށް. އަޅުގަނޑުމެން މަޑުކޮށްގެން ތިބެއްޖައީމު،" ނިހާން ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯރަފުށި ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެ ދާއިރާގެ ރައޔިތުން ތިބީ އިގުތިސާދީ ސަރައްދުތަކާ ބެހޭ ބިލަކަށް ބޭނުންވެފައި ކަމަށެވެ. އަދި މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ގާނޫނެއްގެ ތެރެއިން ވަކި ސަރައްދުތަކެއް ތަރައްގީ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިދިކޮޅު އެމްޑީޕީ އިން މީގެ ކުރިން ދައުލަތުގެ ބައެއް ތަންތަން އެމްޑީޕީގެ ސަރުކާރުގައި ބައެއް ފަރާތްތަކަށް ކުއްޔަށް ދީފައި ވަނީ އެއްވެސް ގާނޫނެއްގެ ދަށުން ނޫން ކަމަށް ވިދާޅުވެ އެމްޑީޕީ ސަރުކާރަށް މުހައްމަދު އިސްމާއިލް ފާޑު ވިދާޅުވި އެވެ.
"ގާނޫނަކުން މިކަން މިކަން މިކުރަނީ އޭގެ ތެރޭގައި ހުރި ރަނގަޅު ކަންތައް ނުބައިކަންތައް ދެނެގަތުމަށް. އެ ބޭފެޅުން ހުރީ އެހެނެއް ނޫން. އެއާޕޯޓް ދޭންވީމާ ދިނީ. އެގޮތަށް ކަންކަން ނުކޮށްގެން އެބޭފުޅުން މަގުމައްޗަށް ނިކުންނަނީ." އޭނާ ވިދާޅުވި އެވެ.