16 Aug 2014, 18:41
ގާނޫނުގައި ބުނެފައިވާ މުއްދަތު ހަަމަވިފަހުން އައްޑޫ ސިޓީ ކައުންސިލުން އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ހުށަހަޅައިފި އެވެ.
އެ ކައުންސިލުން މިހެން ބުނެފައި މި ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ކައުންސިލްތަކުގެ ތަފްސީލް ރިޕޯޓް ސިޓީ ކައުންސިލުން ހުށަހަޅާފައިނުވާ ކަމަށް އެލްޖީއޭއިން ބުނެފައި ވަނިކޮށެވެ.
އެލްޖީއޭއިން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 108 ވަނަ މާއްދާ އާއި 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ އަހަރީ ކައުންސިލްތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ހުށަހަޅާފައި ވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން އެކަނި ކަމަށެވެ. އަދި އެއްވެސް ސިޓީ ކައުންސިލަކުން އެ ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށް ވެސް އެލްޖީއޭއިން ބުނެފައިވެ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ތޮއްޔިބު މިއަދު ވިދާޅުވީ، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފްސީލް ރިޕޯޓް ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުނީ މައުލޫމާތު ހޯދުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ ރިޕޯޓް ހުށަހަޅާފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުއްދަތަށް ރިޕޯޓް ހުށަނޭޅުމުގައި ދަތިތަކެއް ކުރިމަތިވި. އެގޮތުން އެކަށީގެންވާ މުވައްޒަފުން ނެތުމާއި އިދާރީ މަސައްކަތްތައް ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުން. ސަރުކާރުން ސިވިލް ސާވިސް މުވައްޒަފުން އެކަށީގެންވާ ވަރަށް ދެއްވާފައެއް ނެތް. އެހެންވެ ތިބި މަދު މުވައްޒަފުން ލައިގެން އެކަން ކުރަން އުޅެގެން ލަސްވީ. އޮނިގަނޑުގައި މުވައްޒަފުން އެބަތިބި، ނަމަވެސް ސިވިލް ސާވިސްއިން އެ މުވައްޒަފުން ހޯދަން ހުއްދަ ނުލިބިގެން މުވައްޒަފުން ނުނެގި މިތިބީ،" ތޮއްޔިބު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ޖުލައި 10 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ފުރަތަމަ ހަ މަސް ދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ރަށު ކައުންސިލްތަލުން އަތޮޅު ކައުންސިލްތަކަށް ހުށަހަޅަންޖެހޭނެ އެވެ.
އަދި ކޮންމެ އަތޮޅު ކައުންސިލަކުންނާއި ސިޓީ ކައުންސިލަކުން ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އެލްޖީއޭއަށް ހުށަހަޅަންޖެހޭ ކަމަށް އެ ގާނޫނުގައިވެ އެވެ.