16 Aug 2014, 17:00
ގއ. ކޮނޑޭ ކައުންސިލްގެ ފަސް ވަނަ ކައުންސިލަރު ހޮވުމަށް ބާއްވާ އިންތިޚާބު މިމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިމަހުގެ 27 ވަނަ ދުވަހު ބާއްވާ ކޮނޑޭ ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެވޭނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އެރަށު ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް އެކަނި ކަމަށެވެ.
އެ އިންތިހާބުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ މީހުން މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
އެގޮތުން ރީރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް، ކޮނޑޭ ކައުންސިލްގެ އިދާރާއިންނާއި އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ބަލައިގަންނާނެ ކަމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ.
ކޮނޑޭ ކައުންސިލަށް ކައުންސިލަރުން އިންތިހާބުކުރުމުގެ މަސައްކަތް މިހާތަނަށް ނިމިފައި ނުވަނީ، އެކަމާ ގުޅޭ މައްސަލައެއް ކޯޓުތަކަށް ހުށަހެޅިފައި ވުމުންނެވެ.
ކޮނޑޭ ކައުންސިލްގެ އިންތިޚާބާ ގުޅޭ މައްސަލައެއް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ހައިކޯޓަށެވެ. ކޮނޑޭ، ޖޯޖެޓްވިލާ، އަލީ އިބްރާހިމް އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ އެ އަތޮޅު ދާންދޫގައި ހުރި ކޮނޑޭއަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު ދާންދޫ ކައުންސިލަށް ވޯޓުލާފައި ވާތީ އެވެ.
އެ އިންތިހާބުގައި ފަސް ވަނައަށް ދިޔަ ދެ ކެނޑިޑޭޓުންނަށް ވެސް ލިބިފައި ވަނީ 88 ވޯޓެވެ. އަދި ހަ ވަނައަށް ދިޔަ ކެނޑިޑޭޓަށް ލިބުނީ 87 ވޯޓެވެ.
ހައިކޯޓުން ހުށަހެޅި މައްސަލައިގައި އެ ކޯޓުން ހުކުމްކޮށްފައި ވަނީ މުޅި އިންތިހާބު ބާތިލުކުރުމަށްފަހު، އަލުން އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފަސްވަނައަށް ދިޔަ ދެ ކެންޑިޑޭޓުންނާއި ހަވަނަ އަށްދިޔަ ކެނޑިޑޭޓުންގެ މެދުގައި އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނަށް ވަނީ އަމުރުކޮށްފައެވެ.
އެންމެ ފަހުން ބޭއްވި އިންތިހާބުގައި ފަސްވަނައަށް ދިޔަ ދެ ކެނޑިޑޭޓުންނަކީ ކޮނޑޭ ވައިލެޓްވިލާ، ސާޖިދާ މުހައްމަދާއި އެރަށު އުޖާލާގޭ، ނާހިދާ ހަސަންދީދީ އެވެ. އަދި ހަވަނައަށް ދިޔައީ ނިމިދިޔަ ކައުންސިލުގެ ވެސް މެންބަރެއް ކަމުގައިވާ ކޮނޑޭ ހިރިޔާ، ޔުމްނާ ގާސިމެވެ.