16 Aug 2014, 16:49
ގައުމުގެ ސުލްހަވެރިކަމާއި އެކުވެރިކަމާއި އިގުތިސާދީ ތަރައްގީ ބިނާވެފައިވަނީ ރާއްޖޭގެ ރައްޔިތުން އިސްލާމީ އަގީދާގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށް ކަމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ފ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ދަރަނބޫދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޝަހުސިއްޔަތާއި ގެއްލެމުންދާ އަސާސްތައް ހިފަހައްޓަވައި، ގައުމަށް ތަރައްގީ ގެނެސްދިނުމަށް މަސައްކަތްކޮށްދިނުން ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އަގީދާ ވަރުގަދަކޮށް، އަސާސްތަކުގައި ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި، ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް ނައިބު ރައީސް ދެއްވި އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ އާއި، ދިރިއުޅުމުގެ އާންމު އިޖްތިމާއީ ހާލަތާއި، ވެރިކަން ހިންގުމުގެ ދާއިރާ އާއި އަދި ގާނޫނު ހެދުމުގެ ދާއިރާ ތަރައްގީކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ސަރުކާރުން ކުރާނީ، އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތީ އެ އަތޮޅު މަގޫދުއަށެވެ. އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށާއި، އިޖްތިމާއީ ގޮތުން ދިމާވެފައި ހުރި ބޮޑެތި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި، އެ ކަންތައްތަކަށް ހައްލު ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ކަންތައްތަކަކީ، ނަތީޖާ ނެރުމަށް ވަގުތު ބޭނުންވާނެ ކަންތައްތަކެއް ކަމުގައި ވިދާޅުވެ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ނައިބު ރައީސް އަލިއަޅުއްވައިލެއްވި އެވެ.
މިގޮތުން، ހުސްނުވާ އާސަންދަ ތައާރަފްކޮށް، ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ސަރުކާރުން ހަމަޖައްސާފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުގެ ސަބަބުން ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާ އެކުވެސް، ރަށްރަށަށް ދިމާވެފައިވާ ޑޮކްޓަރުންގެ ދަތިކަން ފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ރައްޔިތުންގެ އިޖްތިމާއީ ހާލަތު ރަނގަޅު ކުރަމަށްޓަކައި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް 5000 ރުފިޔާއަށް ބޮޑު ކޮށްފައިވާ ކަމާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެމުން އަންނަކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އަދި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް، ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމަނައިގެން، މި ސަރުކާރުގެ 5 އަހަރުދުވަހުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަގީކަން ނައިބު ރައީސް ދެއްވި އެވެ.