އަންނަ އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ދެ މިލިޔަނަށް އިތުރު ކުރުމަކީ ތަސައްވުރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ސިންހުއައި ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވެފައި ވަނީ ވައިގެ ދަތުރުތަކުގެ ގުޅުން ރަނގަޅުކޮށް، ޗައިނާގެ ސިޓީތަކުގައި ރާއްޖެ މާކެޓް ކުރުމުގެ މަސައްކަތް އިތުރު ކުރުމުން އެގައުމުގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލުކަން އިތުރުވަމުން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"... އަޅުގަނޑުގެ ތަސައްވުރަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ޓޫރިސްޓުންގެ އަދަދު ކުރިއަށް އޮތް އަހަރު މަދުވެގެން ދެމިލިޔަނަށް އިތުރުކުރުން،" ރައީސް ޔާމީނު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ޔޫއެން އާއި ބައިނަލް އަގުވާމީ މުހިއްމު އެހެން ފޯރަމްތަކުގައި ގެންގުޅޭ ސިޔާސަތުން ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމަށެވެ.

އެ ނޫހުން ބުނީ ރައީސް ޔާމީނުގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށެވެ.